background image
school guide logo

އަހަދު: ހަމައެކަނި ކިޔެވީއެއް ނޫން، އިތުރު ހަރަކާތްތައް ވެސް އެހާ މުހިންމު

މޮޅު ނަތީޖާއެއް ހޯދުމުގެ ބޭނުމުގައި ވިޔަސް އަބްދުﷲ އަހަދު، އޭނާގެ ދުވަސް އެއްކޮށް ކިޔެވުމުގައި ހޭދައެއް ނުކުރެ އެވެ. އޭގެ ބަދަލުގައި، ސ.

އާސިމާ ނިޒާރު

0
9 Aug 2021

މޮޅު ނަތީޖާއެއް ހޯދުމުގެ ބޭނުމުގައި ވިޔަސް އަބްދުﷲ އަހަދު، އޭނާގެ ދުވަސް އެއްކޮށް ކިޔެވުމުގައި ހޭދައެއް ނުކުރެ އެވެ. އޭގެ ބަދަލުގައި، ސ. ހިތަދޫ ސްކޫލުން ކިޔެވުން ނިންމާލި ދަރިވަރު އިސްކަންދިނީ އަމިއްލަ ހިތްހަމަޖެހުމަށް ކުރާނެ ކަންކަމާއި ކިޔެވުމަށް އެއްވަރަކަށް ވަގުތު ދޭށެވެ.

އެހެންވެ، ޕްރީ ސްކޫލުން ފަށައިގެން ގްރޭޑު 10 ނިމުމާ ހަމައަށް ވެސް ކިޔެވުމާ އެއްވަރަށް ސްކޫލުގެ އިތުރު ހަރަކާތްތަކުގައި ވެސް އޭނާ ބައިވެރިވި އެވެ. ވާހަކަދެއްކުމުގެ މުބާރާތުން ފެށިގެން ކުޅިވަރާއި ސައިންސްއާ ގުޅޭ އެކި ހަރަކާތްތަކުން ރަންވަނަތަކެއް ހޯދި އެވެ.

"އެންމެ ކުޑައިރު ވެސް ސްކޫލުގައި އިތުރު ހަރަކާތެއް ބާއްވާ ނަމަ މަންމަ ކައިރީގައި ބުނެގެން ބައިވެރިވަން. ޕްރީ ސްކޫލުގައި އުޅުނުއިރު ވެސް ވަރަށް ބޭނުންވި ހުރިހާ ކަމެއްގައި ބައިވެރިވާން. އެ ފަހުން ވެސް ކިޔެވުމާ އެއް ވަރަށް ހޮބީއަށް އިސްކަންދެން. ކޯޑިން، ފޮޓޯގްރަފީ އަދި ގޭމިން އަކީ އަޅުގަނޑު ޝައުގު ހުންނަކަން ކަން،" އާޓިފިޝަލް އިންޓެލިޖެންސް އިން ކުރިއަށްދާން ނިންމައިގެން ހުރި އަހަދު ބުންޏެވެ.

އަހަދު.

ސްކޫލުގެ މިދިޔަ އަހަރު ކެޕްޓެނާއި ސައިންސް ކްލަބްގެ ރައީސްކަން ވެސް އަދާކުރި ދަރިވަރު ބުނީ މައުލޫމާތެއް އެނގުމާއި އަމިއްލަ ދިރިއުޅުމުގައި އެ ބޭނުންކުރުމަކީ ތަފާތު ދެ ކަމެއް ކަމަށެވެ. އެއާއެކު، އިތުރު ހަރަކާތްތަކުގައި ބައިވެރިވުމުން ދިރިއުޅުމަށް ބޭނުންވާ ވަރަށް މުހިއްމު ހުނަރުތަކާއެކު މުސްތަގުބަލުގައި ކުރަން ބޭނުންވާ ކަންތައްތައް ދެނެގަންނަން ފަސޭހަވާ ކަމަށް އޭނާ ދެކެ އެވެ.

"މިސާލަކަށް، ފުޓްބޯޅައާ ގުޅޭ މައުލޫމާތު އެނގޭ ކުދިން ވަރަށް ގިނަވާނެ. އެކަމަކު އޭގައި ބައިވެރިވެ ކުޅޭ ކުދިންނަށް އެނގޭނެ ހުރި ތަފާތު. އެ ކުދިންނަށް އެނގޭނެ މާ ރަނގަޅަށް. އިތުރު ހަރަކާތްތަކުގައި ބައިވެރިވެގެން ކިޔެވީމަ މީހާ އަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް މި ލިބެނީ. މުސްތަގުބަލުގައި ކުރަން ބޭނުންވާ ކަމެއް އެއް ގޮތަކުން އެނގޭނެ،" އަހަދު ބުންޏެވެ.

ވާހަކަދެއްކުމުގެ މުބާރާތްތަކުގައި ބައިވެރިވެ، ވަކި ހިސާބަކުން ސައިންސްގެ ހަރަކާތްތަކަށް އިސްކަންދިނުމަށްފަހު އަހަދު ވަނީ އެ ސްކޫލުން ބޭއްވި ފެއާތަކުގައި ވެސް ބައިވެރިވެފަ އެވެ. އެތަނުން ފެއާއަކަށް އަހަދު ވަނީ "ބްލައިންޑް ގައިޑް" ގެ ނަމުގައި އަމިއްލަ ޕްރޮޖެކްޓެއް ހަދައިފަ އެވެ.

އަހަދު.-

އެއިން، ލޮލަށް ނުފެންނަ މީހުންނަށް އެ މީހުންގެ ކުރިމަތީގައި ހުންނަ އެއްޗެހިން ގެއްލުމެއް ނުލިބި ސަލާމަތްވުމަށް އެހީތެރިވެދޭނެ އެވެ.

އަހަދު ބުނާގޮތުން، ހިތަދޫ ސްކޫލާ ގުޅިފައިވާ އޭނާގެ އެންމެ ފޮނި އަދި ބޮޑު ހަނދާނަކީ ވެސް އެއީ އެވެ.

ކޮވިޑު-19 ފެތުރެން ފެށުމާއެކު އެ ސްކޫލު ވެސް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން ފެށި އެވެ. ފުރަތަމަ ދުވަސްވަރު އެހެން ކުދިންނާ ދުރުގައި ތިބެގެން ކިޔަވަން އަހަދަށް އުނދަގޫވި ނަމަވެސް ވަކި ހިސާބަކުން އެކަމަށް ހޭނިއްޖެ އެވެ.

"އެގޮތަށް ކިޔެވިއިރު ހަމަ އެކަނި މިސްވި އެއްޗަކީ ކްލާހުގެ އެހެން ރައްޓެހިންނާ އެކު ހަދާ ގްރޫޕް މަޝްވަރާތައް. އެ މަޝްވަރާތަކުން ތަފާތު ހިޔާލުތައް އެބަ ލިބޭ. އެކަމަކު އޮންލައިންކޮށް ކިޔަވަން ޖެހުނީމަ އަމިއްލަ ހިޔާލު އެކަނި އިންނަނީ،" އޯ ލެވެލް އަދި އޭ ލެވެލްގައި ވެސް ރަނގަޅު ނަތީޖާއެއް ހޯދުމުގެ އަޒުމުގައި ހުރި ދަރިވަރު ބުންޏެވެ.

އަހަދު ކިޔެވުމަށް ހާއްސަ ތާވަލެއް ނެތަސް އިމްތިހާނު ފެށުމުގެ ކުރިން އޭނާ އަށް ހުންނަންޖެހޭނީ ހުރިހާ ފިލާވަޅެއް ދަސްވެފަ އެވެ. އެގޮތުން، ކޮންމެ ދުވަހަކު ވެސް ވަކި މާއްދާއެއް އިހުތިޔާރުކޮށް އިތުރަށް ދަސްކުރަންޖެހޭ ބައިތައް ވަކިކޮށް އެ ފިލާވަޅުތަކާ ގުޅޭގޮތުން އިތުރަށް ރިސާޗް ހަދަ އެވެ.

"އެހެން ކިޔެވީމަ ވަރަށް ބޮޑު އެހީއެއް މި ލިބެނީ. އޯ ލެވެލް އަށް ތައްޔާރުވާން ވެގެން އެއީ ކިޔެވި ގޮތަކީ."

އަންނަ އަހަރު އޯ ލެވެލް ހަދާ ކުދިންނަށް އަހަދު ބުނީ، ބަލި މަޑުކަމެއްގައި ޓީޗަރުންނަށް ހުރިހާ އެއްޗެއް ކިޔަވައިދެވޭނެ ކަމަށް އެކަނި ބަރޯސާވެގެން ނުވާނެ ކަމަށެވެ. ޓީޗަރު ކިޔަވައިދިނުމުން މާއްދާގެ ކޮންޓެންޓް އެނގޭނެ ކަމަށާއި އޭރުން ދަރިވަރުން އަމިއްލައަށް އިތުރަށް ރިސާޗްކޮށްގެން ދަސްކުރުން މުހިއްމު ކަމަށް އޭނާ ގަބޫލުކުރެ އެވެ.

"އަމިއްލަ އަށް މަސައްކަތްކޮށްގެން ކިޔެވޭނީ. އެހެން މީހަކަށް ބަރޯސާވެގެން ނުކިޔެވޭނެ. ރައްޓެހިންނާ ގުޅުން ބާއްވައިގެން ކިޔަވަން މަސައްކަތްކުރީމަ އަސްލު ވަރަށް ފަސޭހަވާނެ،" އަމިއްލަ ނަފްސަށް ވަގުތު ހުސްކޮށް ކޯޑުކޮށް، ފޮޓޯނަގަމުން އަންނަ އަހަދު ބުންޏެވެ.

0 ކޮމެންޓް, 17 ރިއެކްޝަންސް

icon happy
12
icon sad
6
icon angry
18
icon wow
0
icon inlove
65