background image
school guide logo

ސްކޫލު ގައިޑް: އީޖާދުގެ ނަސޭހަތް، ދުވަހުން ދުވަހަށް ފިލާވަޅުތައް ދަސްކުރޭ

އީޖާދު މުހައްމަދު ގަބޫލުކުރާ ގޮތުގައި ސްކޫލުގައި ކިޔަވައިދޭ ފިލާވަޅުތައް ހަމަ އެ ދުވަހަކު ދަސްކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.

އާސިމާ ނިޒާރު

0
9 Aug 2021

އީޖާދު މުހައްމަދު ގަބޫލުކުރާ ގޮތުގައި ސްކޫލުގައި ކިޔަވައިދޭ ފިލާވަޅުތައް ހަމަ އެ ދުވަހަކު ދަސްކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ހާއްސަކޮށް، އޯ ލެވެލް ފަދަ ބޮޑު އިމްތިހާނަކަށް ތައްޔާރުވާއިރު އެކަންކަމަށް ސަމާލުކަން ދިނުން ވަރަށް ބޭނުންތެރި އެވެ.

އެއާއެކު، ކްލާހުގައި ޓީޗަރު ކިޔަވައިދޭ ވަގުތު ސަކަރާތް ޖެހުން މަދުކޮށް، އެ ކިޔަވައިދޭ ފިލާވަޅަށް ކަނުލައި އަޑުއެހުން ރަނގަޅެވެ.

ހދ. ކުޅުދުއްފުށީގައި ހުންނަ އަފީފުއްދީން ސްކޫލުގެ މިދިޔަ އަހަރުގެ ކެޕްޓަން، އީޖާދު ކިޔެވުމުގައި ފާއިތުވި 10 އަހަރު ހިފެހެއްޓި އުސޫލަކީ އެއީ އެވެ. އޭގެ ސަބަބުން، ލިބުނީ ހިތްހަމަޖެހޭ ނަތީޖާތަކެކެވެ. އޯ ލެވެލްގައި ވެސް ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމަށް އޭނާ އުއްމީދުކުރެ އެވެ.

"ކިޔަވައިދޭއިރު ހަމަ އެންމެ މުހިއްމު ކަމަކީ އެ ޓީޗަރު ދައްކާ ވާހަކަ އަޑުއެހުން. އެ ފިލާވަޅު އޮޅުން ނުފިލަންޏާ އިތުރަށް ސުވާލުކޮށްގެން ދަސްކުރުން ވަރަށް ބޭނުންތެރި،" ސްކޫލުގެ ޑެޕިއުޓީ ކެޕްޓަނާއި ގްރީން ހައުސްގެ ކެޕްޓަންކަން ވެސް އަދާކުރި ދަރިވަރު ބުންޏެވެ.

އީޖާދު.

ކޮވިޑު-19 ގެ ސަބަބުން ފައިނަލް އިމްތިހާނު ފަސްވެގެން މާޔޫސްވިޔަސް އެ ޓެސްޓަށް ދަސްކުރަން އީޖާދަށް އިތުރު ގިނަ ވަގުތު ލިބުމުން އޭނާ ހުރީ ހިތްހަމަޖެހިފަ އެވެ. އޮންލައިން ކްލާސްތަކާއެކު، އިތުރު ގަޑީގެ ކްލާސްތަކުގައި އުޅެން ޖެހުނީ ވެސް ބުރަކޮށެވެ. އެކަމަކު، ސިކުނޑި ހަމަޖައްސާލަން ދޭތެރެ ދޭތެރެއިން ރައްޓެހިންނާއެކު ބޭރަށް ނުކުމެ، ކުޅިވަރާއި އެކި ކަންކަމަށް ވަގުތު ހުސްކުރި އެވެ.

ކިޔަވާ ކުދިން ސަމާލުކަން ދޭންވީ ކަންތައްތައް

- ދީނީ އަޅުކަންތައް ބަރާބަރަށް އަދާކުރުން. ފަސް ވަގުތު ނަމާދުކޮށް ދުއާ ކުރުން މުހިއްމު.

- ސްކޫލުގެ ވަގުތު ސަކަރާތް ޖެހުމަށް ވަގުތު ހުސްނުކޮށް ފިލާވަޅުތަކުގައި ބައިވެރިވެ ކިޔަވައިދޭ އެއްޗެއް އަޑުއެހުން.

- ސިކުނޑި ހަމަޖައްސާލަން ވެސް ކޮންމެ ވެސް ކަމެއްގައި ބައިވެރިވުރުން.

- ކޮންމެ ދުވަހަކު ދޭ ފިލާވަޅެއް އެ ދުވަހަކު ނިންމައި ދަސްކުރުން މުހިއްމު.

ސްކޫލުން ބޭއްވި ބެޑްމިންޓަން މުބާރާތެއްގައި އީޖާދު ކުޅެނީ.

އެންމެ މޮޅު ސްކައުޓުގެ މަގާމު ވިދިވިިދިގެން ދެ އަހަރު ހޯދި އީޖާދު ބުނީ، ދިރިއުޅުމަށް ބޭނުންވާ މުހިއްމު ހުނަރުތަކާއި ގިނަ ކަންކަމާ އެކު ނަފްސާނީގޮތުން ދުޅަހެޔޮކަން ހުރުމަށް އެހީތެރިވެދިނީ އިތުރު ހަރަކާތްތަކުގައި ބައިވެރިވެގެން ކަމަށެވެ.

"ކިޔެވުމަށް މޮޅަސް އިތުރު ހަރަކާތުގައި ބައިވެރިނުވުމަކީ ކާމިޔާބެއް ނޫން. އެއާ ހިލާފަަށް، އިތުރު ހަރަކާތްތަކުގައި ބައިވެރިވަމުން ކިޔެވުން މެނޭޖުކުރުމަކީ އެންމެ ފުރިހަމަ ގޮތް. އެ ހަރަކާތްތަކުން ވަރަށް ގިނަ ހުނަރުތައް ދަސްވި. މީހުންނާ ގުޅިގެން ކަންތައްތައް ކުރަން ވެސް ދަސްވި،" އޭ ލެވެލް ނިންމައި، ބިޒްނަސް މެނޭޖްމަންޓް ދާއިރާއިން ކުރިއަށް ދާން ނިންމައިގެން ހުރި ދަރިވަރު ބުންޏެވެ.

އޭނާ ވަނީ ސްކޫލުގައި ބޭއްވި އަދަބީ އަދި ކުޅިވަރު މުބާރާތްތަކުގައި ވެސް ބައިވެރިވެފަ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy
100
icon sad
0
icon angry
0
icon wow
0
icon inlove
0