background image
school guide logo

ޓީޗަރުންނަށް: ކުދިން މޯޓިވޭޓް ކުރާނެ 5 ގޮތެއް

ތައުލީމީ ކާމިޔާބީ ދަރިވަރުންތަކެއް ބިނާ ކުރެވޭނީ އެ ކުދިންނަށް ބޭނުންވާ މޯޓިވޭޝަން މުދައްރިސުންގެ ފަރާތުން ލިބިގެންނެވެ. އަދި އެ ކުދިން

އައިޝަތު ޖަޒްލީ

0
14 Jul 2022

ތައުލީމީ ކާމިޔާބީ ދަރިވަރުންތަކެއް ބިނާ ކުރެވޭނީ އެ ކުދިންނަށް ބޭނުންވާ މޯޓިވޭޝަން މުދައްރިސުންގެ ފަރާތުން ލިބިގެންނެވެ. އަދި އެ ކުދިން ޝައުގުވެރިކަން ލިބޭނެ ގޮތައް ފިލާވަޅުތައް ވެސް ބައްޓަންކޮށް، ކުދިންގެ ޝާމިލުވުން ހިމެނޭ ހަރަކާތްތަކެއް ވެސް ފިލާވަޅުގެ ތެރޭގައި ހިމަނައިގެންނެވެ. އަދި ތަފާތު އެކި ކުދިން ތިބޭނެ ކަން ދެނެގަނެ، އެ ކުއްޖާ އަށް އެ ބޭނުންވާ ކަންކަމަށް ކޭޓާ ކޮށްދީގެންނެވެ. މި އާޓިކަލުގައި މި ފަދަ ފަސް ކަމަކަށް ބަލާލާނަމެވެ.

ތައުރީފުކުރުން

ދަރިވަރުން ކިޔެވުމަށް ކުރާ މަސައްކަތްތައް ބަލައިގަނެ ތައުރީފު ކުރުމަކީ ކުދިންނަށް ހިތްވަރު ލިބި މޯޓިވޭޓް ވާނެ ކަމެކެވެ. ދަރިވަރުން ޓެސްޓުން ރަނގަޅު މާކްސް ހޯދައިފި ނަމަ އެކަން ފާހަގަ ކުރާށެވެ. އަދި ކުލާހުގައި ފިލާވަޅުތައް ކިޔައިދޭއިރު، ކުރާ ސުވާލުތަކަށް ޖަވާބު ދޭ ކުދިންނާއި، ކިޔެވުމަށް މަސައްކަތް ކޮށް، އިތުރަށް ކިޔެވުން ރަނގަޅު ކުރުމަށް މަސައްކަތް ކުރާ ކުދިން ފާހަގަކޮށް އެ ކުދިން އެ ކުރާ މަސައްކަތް ބަލައިގަންނަ ކަން އަންގައިދިނުމަކީ ކުދިންނަށް ކިޔެވުމުގައި ކާމިޔާބީ ހޯދުމަށް ލިބޭނެ ވަރަށް ބޮޑު ބާރެކެވެ.

ސްކޫލެއްގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ -- ފައިްލ ފޮޓޯ: މިހާރު

ފުރުސަތުދިނުން

ކްލާސްތެރޭގައި އެކި ކަންކަމަށް ފުރުސަތު ދޭން ޖެހޭނެ އެވެ. އެކި ކަހަލަ ސުވާލު އުފައްދާށާއި، ޖަވާބު ހޯދުމަށް ދަރިވަރުންނަށް ފުރުސަތު ދޭށެވެ. އޭރުން އަމިއްލަ އަށް ކަންކަމާ ދޭތެރޭ ސުވާލު އުފައްދާ އެ ކަންކަން އޮޅުންފިލުވަން ޝަައުގު އުފެދޭނެ އެވެ. ދަރިވަރުންނަކީ "ކިއުރިއަސް" ބަޔަކަށް ހެދިއްޖެ ނަމަ، ކިޔެވުމުން ކުރިއަށް ދިޔުމަށް އެ ކުދިން މޯޓިވޭޓް ވާނެ އެވެ.

މަޖާ މާހައުލެއް ގާއިމުކުރުން

ކިޔެވުމުގައި ދަރިވަރުންނަށް ކުޅިވަރުގެ ތެރެއިން ކިޔަވާ ދިނުމަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ވެސް މިހާރު ކުރަމުން އަންނަ ކަމެކެވެ. ހާއްސަކޮށް އުމުރުން ހަގު ކުދިންނަށް ތަފާތު އެކި ކަންކަން އުނގަންނައިދިނުމަށް އެކި ތަފާތު ކުޅިވަރުތައް ބޭނުން ކުރެއެވެ. ބައެއް ފިލާވަޅުތަކަށް "ޕަޒްލް" ފަދަ ތަކެތި ނުވަތަ "ބިލްޑިން ބްލޮކްސް" ވެސް ބޭނުން ކުރެއެވެ. ބޭނުމަކީ މި ފަދަ ތަކެއްޗާ އެކު ކުޅިވަރުގެ ތެރެއިން ކުދިންނަށް މަޖާ މާހައުލެއް ހޯދައިދިނުމެވެ. ކުދިން މޯޓިވޭޓު ކުރުމަށް މިއީ ކުރުން މުހިންމު ކަމެކެވެ.

ސަމާލުކަން ދިނުން

ޓީޗަރުން ދަރިވަރުންނަށް ބޭނުންވާ އެޓެންޝަން ނުވަތަ ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ. ހާއްސަކޮށް ތަފާތު އެކި ލެވެލްތަކުގެ ދަރިވަރުންތަކަކަށް ކިޔަވާ ދޭ އިރު، ކިޔެވުމުގައި ދަތިކަން ތަހައްމަލު ކުރާ ކުދިންނަށް އަޅާލާ، ސަމާލުކަން ނުދީފި ނަމަ، އެ ފަދަ ކުދިން ކިޔެވުމާއި ދުރުހެލިވެ، ކިޔަވަން ފޫހިވާ ފަހަރު އާދެ އެވެ. އެހެން ނަމަވެސް، މިފަދަ ކުދިންނަށް ސަމާލުކަން ދީ، އެ ކުދިންނަށް ކަންކަން އޮޅުންފިލުވާ ދިނުމަށް އިތުރަށް އެހީތެރި ވާނަމަ، ކިޔެވުމުގައި އިތުރަށް މަސައްކަތް ކުރުމަށް އެފަދަ ކުދިންނަށް ހިތްވަރު ލިބިގެން ދާނެ އެވެ.

އިސްކަންދަރު ސްކޫލުގެ ދަރިވަރުން މިދިޔަ އަހަރު ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ --. ފޮޓޯ: ނިޝާން އަލީ /މިހާރު

ގުޅުމެއް ގާއިމުކުރުން

ދަރިވަރުންނާއި ޓީޗަރުންނާ ދެމެދު އޮންނަ ގުޅުން ރަނގަޅު ނޫން ނަމަ، އެ މާއްދާއެއް ކިޔެވުމަށް ދަރިވަރުން ފޫހިވާ ފަހަރު އާދެ އެވެ. ބައެއް ފަހަރު ޓީޗަރަށް މާ ބޮޑަށް ހަރުކަށިވެވި، ކުލާހުގައި ކުދިންނާ ދިމާލަށް އަޑުބަރުކޮށް އެއްޗެހި ކިޔާ ހަދާ ނަމަ، އެ ޓީޗަރާ މެދު އެ ކުއްޖާ އަށް އޮންނަ ގުޅުން ހީނަރުވެ، ޓީޗަރާއި، އެ މާއްދާ މަތިން ފޫހިވާ ފަހަރު އާދެ އެވެ. ދަރިވަރުން ނޭދެވޭ ކަންކަން ކުރާ ނަމަ އެ ކަންކަން ހައްލު ކުރުމަކީ ޓީޗަރުން ކުރަން ޖެހޭނެ ކަމެކެވެ. ނަމަވެސް ހައްލު ކުރުމުގައި ހިޔާރު ކުރަން ވާނީ ކުއްޖާ އަށް ވެސް ޓީޗަރުގެ ފަރާތުން ލިބެން ޖެހޭ އިހުތިރާމާ އެކު އެވެ. މިއީ ވެސް ދަރިވަރުން ކިޔެވުމުގައި ކުރިއަށް ދިޔުމަށް މޯޓިވޭޓު ކުރަން ކުރެވިދާނެ ކަމެކެވެ.

0 ކޮމެންޓް, 13 ރިއެކްޝަންސް

icon happy
92
icon sad
0
icon angry
8
icon wow
0
icon inlove
0