background image
school guide logo

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް: ތަރުބަވީ ތައުލީމުގެ މިސާލެއް

ދިވެހިރާއްޖޭގެ ތައުލީމީ ވެށީގެ ވާދަވެރި ސަފުގެ އެންމެ ކުރީގައި ގުނާލެވޭ ސްކޫލުތަކުގެ ތެރެއިން އަހުމަދިއްޔާ އިންޓަނޭޝަނަލް އަކީ ފާހަގަ

އައިޝަތު ޖަޒްލީ

0
14 Jul 2022

ދިވެހިރާއްޖޭގެ ތައުލީމީ ވެށީގެ ވާދަވެރި ސަފުގެ އެންމެ ކުރީގައި ގުނާލެވޭ ސްކޫލުތަކުގެ ތެރެއިން އަހުމަދިއްޔާ އިންޓަނޭޝަނަލް އަކީ ފާހަގަ ކުރެވޭ ސްކޫލެކެވެ. ރާއްޖޭގައި މި ވަގުތު އެންމެ ގިނަ ދަރިވަރުންނާ އެކު، ތައުލީމީ އަދި ފަންނީ ގިނަ ކަންކަމުގައި ވާދަކޮށް ކުރި ހޯދަމުން އަންނަ މި ސްކޫލަކީ ގިނަ ބައެއްގެ އިތުބާރާއި، ލޯބި ހޯދާފައިވާ ސްކޫލެކެވެ. ދެހާސް ނުވަސަތޭކަ ކުދިންނާ އެކު 237 ޓީޗަރުން އަވަދި ނެތި މަސައްކަތް ކުރަމުންދަނީ މުޖުތަމައަށް ފައިދާ ކުރަނިވި ރަނގަޅު ދަރިވަރުންތަކެއް ބިނާ ކުރުމަށެވެ.

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންތަކެއް. ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޕްރީ ސްކޫލުން ފެށިގެން މަތީ ސާނަވީ އާއި ހަމައަށް ކިޔަވާ ދެމުންދާ އަހުމަދިއްޔާ އިންޓަނޭޝަނަލުން މި އަހަރު ވަނީ 40 އަހަރު ފުރިފައެވެ. މި ފާއިތުވެ ދިޔަ މުއްދަތުގެ ތެރޭގައި އަހުމަދިއްޔާ އިންޓަނޭޝަނަލުން ވަނީ ގިނަ ބައެއްގެ އިތުބާރާއި ލޯބި ހޯދައިފަ އެވެ. ނަތީޖާއެއްގެ ގޮތުން ސްކޫލަށް އޮތް ޑިމާންޑު ބޮޑުވެ، ޖާގަ އާއި ނުބައްދަލު މިންވަރަށް ކުދިން ވެއްދުމަށް ބެލެނިވެރިން ކުރާ މަސައްކަތް ވަނީ އިތުރުވެފަ އެވެ. އެހެންކަމުން މެރިޓު ސްޓައިލެއް ހިޔާރުކޮށް، އެންޓްރެންސް އިމްތިހާނެއް ބާއްވާ، އެންމެ މަތިން ނަތީޖާ ހޯދާ ކުދިންނަށް ނޫނީ މި ފެށޭ ދިރާސީ އަހަރުން ފެށިގެން މި ސްކޫލުން ފުރުސަތު ދޭ ގޮތަށް ވަނީ ނިންމައިފަ އެވެ.

އަހުމަދިއްޔާ އިންޓަނޭޝަނަލަށް ލިބެމުންދާ ތަރުހީބު ފާހަގަކުރައްވައި، އެ ސްކޫލަކީ ބްރޭންޑެއްގެ ގޮތުގައި އެ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު ވަނީ ސިފަކުރައްވައިފަ އެވެ.

ރަޝީދު ވިދާޅުވީ، މި ހުރިހާ އަހަރުތަކެއް ވޭތުވެ ދިޔައިރު ވެސް، އަހުމަދިއްޔާ ސްކޫލުން ވަނީ އެ ސްކޫލުގެ "ރެޕިޔުޓޭޝަން" ހިފަހައްޓައި، އަހުލާގު ރަނގަޅު މޮޅު ދަރިވަރުންތަކެއް މުޖުތަމައަށް ނެރެފައިވާ ކަމަށެވެ. އަދި އެކަމުގެ ސިއްރަކީ ސްކޫލުން މިހާތަނަށް ދަމަހައްޓާފައިވާ ހަރުދަނާ ސިޔާސަތާއި އުސޫލުތައް ކަމަށް ވެސް ވިދާޅުވި އެވެ.

ރަޝީދު ވިދާޅުވީ، ސްކޫލުގެ މައިގަނޑު އަސާސް ބިނާވެފައި ވަނީ ތައުލީމާ އެކު ދަރިވަރުންނަށް ތަރުބިއްޔަތު ދިނުން ކަމަށެވެ. އެހެންކަމުން، އެ ސްކޫލުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ދީނީ ޝިއާރުތަކުގެ ތެރެއިން، ދީނަށް ލޯބިކުރާ، ގައުމުގެ ބަހާތަކަށް ކަމޭހިތާ، މުޖުތަމައަށް ފައިދާ ކުރަނިވި ކުދިންތަކެއް ބިނާ ކުރުމަށް ކަމަށް ވެސް ވިދާޅުވި އެވެ.

އަހުމަދިއްޔާ އިން ކޮންމެ އަހަރަކު ވެސް އޯ ލެވެލް އިމްތިހާނުތަކުގަ އާއި އެކިއެކި މުބާރާތްތަކުގައި ގިނަ ވަނަތަކެއް ދަނީ ހޯދަމުންނެވެ. ކޮވިޑާ ގުޅިގެން އިންޓާ ސްކޫލް މުބާރާތްތަކަށް އައި މެދުކެނޑުމަށް ފަހު، މި އަހަރު ބޭއްވި އިންޓާ ސްކޫލް އެތްލެޓިކްސް މުބާރާތުގެ 19 އަހަރުން ދަށުގެ އަންހެން ޗެމްޕިއަން ތަށި އުފުލާލީ އަހުމަދިއްޔާ އިންނެވެ. އަދި 13 އަހަރުން ދަށުގެ ފިރިހެންކުދިންގެ ގޮފިން ތިން ވަނަ ހޯދައި، 19 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން ތިން ވަނަ ވެސް ކާމިޔާބު ކޮށްފައި ވަނީ އަހުމަދިއްޔާ އިންނެވެ. މީގެ އިތުރުން އެކި އުމުރުފުރާތަކުން ވާދަ ކުރި އެ ސްކޫލުގެ އެކި ކުދިން ވަނީ ރަން މެޑަލްތަކެއް ހާސިލްކޮށްފަ އެވެ.

އަހުމަދިއްޔާ އިންޓަނޭޝަނަލްގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު. ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ކޮވިޑާ ގުޅިގެން އައި ޑިޖިޓަލް ޓީޗިން އަށް ފަހު، އަނެއްކާ ވެސް ސްކޫލަށް ގޮސް ތައުލީމު އުނގެނުމަށް ފުރުސަތު ލިބިގެން ދިޔައީ ނިމިދިޔަ އެކަޑެމިކް އަހަރު އެވެ. ކޮވިޑުގެ ސަބަބުން، ނަފްސާނީ އެކި މައްސަލަތައް ކުޑަކުދިންގެ މެދުގައި އާއްމު ވެފައި ވާއިރު، އަހުމަދިއްޔާ އިންޓަނޭޝަނަލުން މި އަހަރު އެންމެ އިސްކަން ދީފައި ވަނީ ކުދިން އާއްމު ހާލަތަށް ގެނެސް ކޮވިޑުގެ ކުރިން ދަރިވަރުން ސްކޫލުގައި ހޭދަކުރި އުފާވެރި ދުވަސްތައް އަނބުރާ ހޯދައިދީ، އާއްމު އުޅުމަށް ހޭނުވުމަށެވެ. އެގޮތުން، ކުދިންގެ ދުޅަހެޔޮ ކަމަށް ވިސްނާ ކުޅިވަރުގެ ގިނަ އިންޓަ ކްލާސް މުބާރާތްތަކެއް ވަނީ ހިންގައިފަ އެވެ. އެ ސްކޫލުން މި އަހަރު ކޮށްފައިވާ މަސައްކަތްތަކުން 95 ޕަސެންޓު ކުދިން އާއްމު ހާލަތަށް އަނބުރާ ގެނެވިފައިވާ ކަމަށް އަހުމަދިއްޔާ އިންޓަނޭޝަނަލުން ބުނެއެވެ.

ދެހާސް ފަނަރަ ވަނަ އަހަރު އިންޓަނޭޝަލް ސްކޫލެއްގެ ގޮތުގައި ހިންގަން ފެށި އަހުމަދިއްޔާ އަށް މިހާރު އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައި ވަނީ ޖާގައިގެ ދަތި ކަމެވެ. މި އަހަރުގެ 40 ވަނަ އަހަރީ ޖަލްސާގައި މި ކަމަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވާއިރު، ސްކޫލުގެ އިސްވެރިންނާއި، ދަރިވަރުން އަދި ބެލެނިވެރިން ތިބީ އެ ދުވަހެއްގެ އިންތިޒާރުގަ އެވެ. އަދި މިހާރު ވެސް ޖާގަ ދަތިވެ، އަންނަ ދިރާސީ އަހަރަށް ކުދިންނަށް ކިޔަވައިދޭ ދަންފަޅިތަކަށް ބަދަލު ގެންނަން ޖެހިފައިވުމަކީ ދިމާވެފައިވާ ނުހަނު ބޮޑު ގޮންޖެހުމެއް ކަމަށް ޕްރިންސިޕަލް ރަޝީދު ފާހަގަ ކުރެއްވި އެވެ. އަހުމަދިއްޔާ އިންޓަނޭޝަނަލުން އެދެނީ އެ ސްކޫލަށް ލިބެމުންދާ ޑިމާންޑަށް ކޭޓާ ކުރެވޭނެ އިންތިޒާމުތައް އަވަސް މުސްތަގުބަލެއްގައި ހަމަޖެހިގެން ދިޔުމެވެ.

އަބަދުވެސް ނަތީޖާ ނެރެ، ބިނާ ކުރަނިވި ކުދިންތަކެއް އުފައްދާ ސްކޫލެއްގެ ގޮތުގައި އޮތުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް އެންމެ މަތީ ދަރަޖަ އަށް ކުރާނެ ކަމަށް އަހުމަދިއްޔާ އިންޓަނޭޝަނަލުން ބުނެއެވެ. އަދި ކުރިއަށް އޮތް ދިރާސީ އަހަރަކީ އެ ސްކޫލުން އަނެއްކާ ވެސް އިތުރު ކާމިޔާބީތަކެއް ހޯދުމުގައި ގަދަ އަޅާ މަސައްކަތް ކުރާނެ އަހަރެއް ކަމަށް ވެސް އެ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވި އެވެ.

0 ކޮމެންޓް, 47 ރިއެކްޝަންސް

icon happy
47
icon sad
4
icon angry
26
icon wow
0
icon inlove
23