background image
school guide logo

ސެން ކުދިންނާ އެކު 15 އަހަރު، މިއީ ހީރޯއެއް

"އަޅުގަނޑު ކުރިން ހީކުރަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަކީ އަމިއްލަ އަށް ކަންކަން ނުކުރެވޭނެ ބައެއް ކަމަށް. އެކަމަކު އެއީ ބޮޑު

އައިޝަތު ޖަޒްލީ

0
20 Jul 2022

"އަޅުގަނޑު ކުރިން ހީކުރަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަކީ އަމިއްލަ އަށް ކަންކަން ނުކުރެވޭނެ ބައެއް ކަމަށް. އެކަމަކު އެއީ ބޮޑު ކުށްހީއެއް ކަން އެނގުނީ މި ކުދިންނާ ދިމާވުމުން،" އަޑުއިވުމުގެ ދަތިކަން ހުންނަ ކުދިންނަށް ޖަމާލުއްދީން ސްކޫލުގައި ކިޔަވައިދޭ ޓީޗަރު މަރިޔަމް ވިރާސާ ބުންޏެވެ.

"މިއީ ވަރަށް ކުޅެދޭ، ވަރަށް ކޭޕަބަލް ކުދިންތަކެއްކަން މި ކުދިން އަޅުގަނޑަށް ދަސްކޮށް ދީފި."

އަޑުއިވުމުގެ ދަތިކަން ހުންނަ ކުދިންނަށް ކިޔަވައިދެނީ: ވިރާސާ މި ދާއިރާގައި އުޅޭތާ މިހާރު 15 އަހަރު ވެއްޖެ-- ފޮޓޯ: ނިޝާން އަލީ | މިހާރު

ދެހާސް ހަތް ވަނަ އަހަރު ޓީޗިން ނިންމާލުމަށް ފަހު، ޖަމާލުއްދީން ސްކޫލާ ވިރާސާ ގުޅުނީ ކިޔަވައިދިނުމުން ކުރިއަށްދާނެ ވަކި ރޮނގެއް ކަނޑައަޅައިގެންނެއް ނޫނެވެ. އެ ސްކޫލާ އޭރު ގުޅުމަށް ފަހު، މެނޭޖުމަންޓުން ދިން ފުރުސަތެއް ގަބޫލުކޮށް އަޑުއިވުމުގެ ދަތިކަން ހުންނަ ކުދިންގެ ކުލާހާ ގުޅުން އިރު، ވިރާސާ އަކީ އެ ކަމުގެ ޓްރެއިނިންއެއް ވެސް އޭރު ލިބިފައި ނެތް ޓީޗަރެކެވެ. ސައިން ކުރަން ނޭންގި، އެފަދަ ކުދިންތަކެއްގެ ތެރެއަށް ނިކުތް ވިރާސާގެ ސިކުނޑި ހުޅުވާލަ ދިނީ މި ކުލާހުގެ ދަރިވަރުންނެވެ. އެ ކުދިންގެ ހިތްވަރާއި، އެ ކުދިންގެ ގާބލުކަން ފެނި، އެ ކުދިންނަކީ މުޖުތަމައަށް ބޭނުންތެރި ކުދި ބަޔަކަށް ހިތުމަށް އަޒުމު ކަނޑައަޅާ، އެ ކުދިންނަށް މަގު ކޮށައިދިނުމުގެ މަސައްކަތް އެހާ ހިސާބުން ވިރާސާ ފެށި އެވެ.

ވިރާސާ އަށް އޭރު އެ ކުދިންނާއި މުއާމަލާތު ކުރުމަށް ދަތިވެ، ކިޔަވައިދިނުމުގައި ދަތިތަކެއް ކުރިމަތިވި ނަމަވެސް، އެ ކުދިންނާ އެކު ވިރާސާ ހުރީ ސާބިތުކަންމަތީގަ އެވެ. ނަތީޖާއެއްގެ ގޮތުން، ކުދިންނާ އެކު އެކުދިންގެ ބަހުރުވަ ދަސްކޮށް، އެ ކުދިންގެ އުޅުން ވެސް ވިރާސާ ދަސްކުރީއެވެ. އަދި ސާބިތުކަމާ އެކީ ކުރިއަށް ގޮސް، ލިބުނު އެކި ފުރުސަތުތަކުގެ ބޭނުން ހިފާ، ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ އެކި ޓްރެއިނިންތައް ހަދާ އެންމެ ފަހުން ސްޕެޝަލް އެޑިޔުކޭޝަން ނީސްޑްގެ ޓީޗިން ދާއިރާގެ މާސްޓާސް ވެސް ނިންމީ އެވެ.

ސައިން ލެންގުއެޖު ކްލަބްގެ ދަރިވަރުންނަށް ކިޔަވައިދެނީ: މިއީ ޖަމާލުއްދީން ސްކޫލުން ކުދިންގެ މެދުގައި ގުޅުން ބަދަހި ކުރަން ކުރިއަށް ގެންދާ ކުލަބެއް. ފޮޓޯ: ނިޝާން އަލީ | މިހާރު

އެކި އުމުރުގެ، ތައުލީމީ އެކި ފެންވަރުގެ ކުދިންތަކަކަށް އެއް ކުލާހެއްގެ ތެރެއިން ކިޔަވައިދިނުމަކީ ގޮންޖެހުމެކެވެ. ހާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ ކުދިން ސްކޫލު މާހައުލަށް ނެރުމުން، އެ ކުދިންގެ ފަރާތުން އިޝާރާތެއްހާ މިންވަރު ވެސް ލިބުމަށް ވަގުތު ނަގައެވެ. ވިރާސާ ބުނީ، އޭނާ ކިޔަވާ ދީފައިވާ ބައެއް ކުދިން، އޭނާ އާ މުއާމަލާތު ކުރުމަށް އެއް އަހަރު ނުވަތަ އެއަށް ވުރެ ވެސް ދިގު މުއްދަތު ބައެއް ފަހަރު ނަގާ ކަމަށެވެ. ނަމަވެސް، އެ ކުދިންނާ އެކު ސާބިތުކަމާ އެކު ހުރެ، އަބަދު އެކުދިންނާ މުއާމަލާތް ކުރުމަށް މަސައްކަތް ކޮށް، ދިގު މުއްދަތަކަށް ފަހު އެ ފަދަ ކުއްޖެއްގެ އެންމެ އިޝާރާތެއް ލިބުމަކީ ވެސް ބަޔާން ނުކުރެވޭ ފަދަ ބޮޑު އުފަލެއްގެ ގޮތުގައި ވިރާސާ ސިފަކުރި އެވެ.

ކިޔަވައިދިނުމުގެ ބުރަ މަސައްކަތުގައި އަވަދި ނެތި އުޅޭ ވިރާސާ ބުނީ މި މަސައްކަތަކީ އޭނާ އަށް ލިބޭ އެންމެ ބޮޑު ހިތް ހަމަޖެހުން ކަމަށެވެ. އަދި މިކަމުން، އޭނާގެ އަމިއްލަ ނަފްސާނީ ދުޅަހެޔޮ ކަމަށް އެއްވެސް އަސަރެއް ނުކުރާ ކަމަށާއި، ދަރިވަރުންގެ ސަބަބުން ސިކުނޑި ވަރުބަލިވާ ހާލަތެއް ނާންނަ ކަމަށް ވެސް ބުންޏެވެ. އަދި މިއީ ނުހަނު ލޯބިން ކުރާ ކަމެއް ކަމަށާއި، އޭނާ އަށް މި ފަދަ ކުދިންތަކަކަށް ކިޔަވައިދިނުމުން ލިބެނީ ހިތްހަމަ ޖެހުމާއި އުފާވެރިކަން ކަމަށް ވެސް އޭނާ ބުންޏެވެ.

ވިރާސާ ބުނީ، އޭނާގެ މަސައްކަތުން ނުކުޅެދުންތެރިކަން ހުރި ގިނަ ކުދިންތަކަކަށް ދިރިއުޅުމެއް ހޯދައި ދެވިއްޖެ ކަމަށް ގަބޫލު ކުރާ ކަމަށެވެ. އަދި ކިޔަވައިދީފައިވާ ގިނަ ދަރިވަރުންނަކީ އެކި ވަޒީފާތައް އަދާ ކުރަމުންދާ ޒިންމާދާރު ކުދިން ކަމަށާއި، ވަޒީފާ އަކަށް ނުދިޔަ ނަމަވެސް ކޮންމެ ކުއްޖަކީ ވެސް އަމިއްލަ މަސައްކަތުން ފުދުންތެރި ދިރިއުޅުމެއް އުޅެމުންދާ މިނިވަން ކުދިންތަކެއް ކަމަށް ވިރާސާ ބުންޏެވެ. މި ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި އޭނާ ވަނީ ހަރުދަނާ ކުދިންތަކެއް މި މުޖުތަމައަށް ނެރެދީފި އެވެ.

ޖަމާލުއްދީން ސްކޫލުގައި ފަހުރުވެރިކަމާ އެކު ކިޔަވާ ދެމުންދާ ވިރާސާ ބުނީ، ކިޔަވައިދިނުމުގައި ލިބެމުންދާ ކާމިޔާބީތަކަކީ ޖަމާލުއްދީން ސްކޫލުގެ މެނޭޖުމަންޓުން ލިބެމުންދާ އެއްބާރުލުމުގެ ސިއްރު ކަމަށެވެ. އެގޮތުން، އިވުމުގެ ދަތިކަން ހުންނަ ކުދިންނާއި، އެހެން ކުދިންނާ ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމަށް މިހާރު ވަނީ ސައިން ލެންގުއެޖު ކުލަބެއް ވެސް ތައާރަފު ކޮށްފައެވެ. އަދި އަޑުއިވުމުގެ ދަތިކަން ހުންނަ ކުދިންނަށް އަމާޒު ކޮށް، ފެހުމާއި، ކުރެހުމާއި، އިންޖިނިއަރިން ފަދަ ކަންކަމުގެ ޕްރޮގުރާމުތައް ރާވާ ހިންގަމުންދާ ކަމަށް ވެސް ވިރާސާ ބުންޏެވެ. އޭނާ ބުނީ، މި މަސައްކަތުގައި ދެމިތިބުމަށް އެ ސްކޫލުން ކެނޑިނޭޅި ކުރަނީ ބުރަ މަސައްކަތްތަކެއް ކަމަށެވެ. ވިރާސާ ބުނީ އެކަހަލަ ކުދިންނަށް ލިބެން ޖެހޭ ތައުލީމު މިހާރަށް ވުރެ ފުރިހަމަ ކުރުމަށް އަދިވެސް އިތުރު ތަމްރީނުތައް ޓީޗަރުންނަށް ބޭނުންވާ ކަމަށެވެ.

ވިރާސާ: އޭނާގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އޭނާގެ ދަރިވަރުން. ފޮޓޯ: ނިޝާން އަލީ | މިހާރު

ފާއިތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާ މެދު މުޖުތަމައު ދެކޭ ގޮތް ބަދަލުވެ، އެ ކުދިންނަށް ދޭ ފުރުސަތުތައް އިތުރުވަމުންދާ ކަން ވިރާސާ ފާހަގަކުރި އެވެ. ނަމަވެސް އަދިވެސް ލިބެން ޖެހޭ މިންވަރަށް އެ ކުދިންނަށް ފުރުސަތު ނުލިބޭ ކަމަށް ވެސް ވިރާސާ ބުންޏެވެ. ވިރާސާ ބުނީ އުއްމީދަކީ މި ކުދިންގެ ޝާމިލުވުން އިތުރު މުޖުތަމައެއް ފެނުން ކަމަށެވެ.

"މި ފަދަ ކުދިންނަށް ބޭނުން ވަނީ މުޖުތަމައުގެ ސަޕޯޓާއި އެހީ. އަދި ކުރިއަށް ދާނެ ފުރުސަތުތައް. މިއީ ގާބިލު، ކުޅަދާނަ ކުދިބައެއް. މި ކުދިން ބާކީ ނުކުރޭ. މި ކުދިންނަށް ހުރިހާ ކަމެއް ވެސް ކުރެވޭނެ. މި ކުދިންނަށް ވާނެ،" އޭނާ ބުންޏެވެ.

0 ކޮމެންޓް, 55 ރިއެކްޝަންސް

icon happy
24
icon sad
4
icon angry
0
icon wow
0
icon inlove
73