background image
school guide logo

އަލާއުގެ ނަސޭހަތް: މާދަމާ އަށް ލަސްނުކުރޭ

މީގެ 10 އަހަރު ކުރިން ހިރިޔާ ސްކޫލްގެ ދޮރާށިން އެތެރެއަށް ވަދެގެން ދިޔައިރު އަހުމަދު އަލާއު އިސްމާއިލް އަޒުމް ކަނޑައެޅި އެއް ކަމެއް އޮތެވެ؛

އާސިމާ ނިޒާރު

0
17 Jul 2022

މީގެ 10 އަހަރު ކުރިން ހިރިޔާ ސްކޫލްގެ ދޮރާށިން އެތެރެއަށް ވަދެގެން ދިޔައިރު އަހުމަދު އަލާއު އިސްމާއިލް އަޒުމް ކަނޑައެޅި އެއް ކަމެއް އޮތެވެ؛ އެއީ ސްކޫލް ކެޕްޓަންގެ ހައިސިއްޔަތުން އެ ސްކޫލަށް ކޮންމެ ވެސް ގޮތަކުން ހިދުމަތް ކޮށްދިނުމެވެ.

އޭގެ 10 އަހަރު ފަހުން މިއަދު އޯ ލެވެލް އިމްތިހާނު ނިންމައި އެ ދޮރާށިން އަލާއު ނުކުމެގެން ދިޔައީ އެ އުއްމީދު ހާސިލްކޮށް، ފަހުރުވެރި ކެޕްޓަންގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ފަހުގަ އެވެ. ނަމަވެސް، އޭނާ ގަބޫލުކުރަނީ އެ ހުވަފެން ހަގީގަތަކަށް ވީ ކިޔެވުމާއި ދިރިއުޅުމުގައި މުހިއްމު ކަންތައްތަކެއް ހިފެހެއްޓުމުގެ ސަބަބުންނެވެ.

އެންމެ ފުރަތަމަ އަދި އެންމެ މުހިއްމު ކަމަކީ ޓީޗަރުން ދޭ ފިލާވަޅުތައް ދުވަހުން ދުވަހަށް ނިންމައި މުތާލިއާ ކުރުމެވެ. އޭގެ އިތުރުން ޓީޗަރުން ކިޔަވައިދޭއިރު އެހެން ހުރިހާ ކަމެއް ހުއްޓާލައި އެ ފިލާވަޅަށް ސަމާލުކަން ދިނުމަކީ ވެސް އަލާއު ހިފެހެއްޓި ކަންކަމެވެ.

"ކިޔެވުމުގައި މި ހޭދަކުރި މުއްދަތުގައި އެންމެ ބޮޑަށް ދަސްވި ފިލާވަޅަކީ މާދަމާ ކުރަން ނުވަތަ ފަހުން ކުރުމަށް އެއްވެސް ކަމެއް ނުބެހެއްޓުމަށް. ކަންކަމަށް ކަމޭހިތައި ވަގުތަށް ނިންމުމަކީ އެންމެ ފަސޭހަ ގޮތް ކަމަށް. ފިލާވަޅު ހެދުމާއި ނިންމުމުގައި ވެސް އެ އުސޫލު،" ގާނޫނީ ވަކީލަކަށް ވުމުގެ އުއްމީދުގައި ހުރި ދަރިވަރު ބުންޏެވެ.

ހިރިޔާ ސްކޫލްގެ ކެޕްޓަން އަލާއު، އެ ސްކޫލްގެ ދަރިވަރުންތަކަކާ ވާހަކަދައްކާލަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ގްރޭޑު ދޭއްގައި ކަޕްސްކައުޓަކަށް ގުޅުނު ގޮތަށް އަލާއު އެ ހުރީ ފަހުރުވެރި ސްކައުޓެއްގެ ގޮތުގަ އެވެ.

އޭނާ ބުނީ އެ ކާމިޔާބީތައް ހޯދުމުގައި އެންމެ ބޮޑު އެއް ދައުރު އަދާކުރި އެކައްޗަކީ ސްކައުޓް ކަމަށެވެ.

"ސްކައުޓުން އަޅުގަނޑަށް ދަސްވި ސްކޫލް ވެށީގެ ބޭރުގައާ އެހެން ކުދިންނާއެކީ އުޅޭނެ ގޮތް. މީގެ އިތުރުން ސްކޫލްގެ އަދަބީ ހަރަކާތުގައި ބައިވެރިވުމުގެ ސަބަބުން ދިވެހި ބަހަށާއި އަބަދީ ކަންކަމުގައި އުޅުމަށް އިތުރު ހިތްވަރެއް ލިބިގެންދިޔަ. ތަފާތު އެކި އަދަބީ މުބާރާތްތަކުގައި ސްކޫލް ތަމްސީލުކޮށް، ސްކޫލަށް ފަހުރުވެރި ވަނަ ލިބުނު ކަމަށްޓަކައި އުފާކުރަން،" އަލާއު ބުންޏެވެ.

ސިކުނޑި ހަމަޖައްސާލަން އިސްކަންދީ

އެހެން ކުދިންނެކޭ ވެސް އެއްގޮތަށް އަލާއުއަށް ފުރަތަމަ ގަބޫލުކުރެވުނީ ހަޔާތުގެ ފުރަތަމަ 10 އަހަރުގެ ތެރޭގައި ހަދާ އެންމެ ބޮޑު އިމްތިހާނު ވަރަށް އުނދަގޫވާނެ ކަމަށެވެ.

އެ ނުތަނަވަސްކަމާ ހެދި ވީހާ ވެސް އަވަހަކަށް ފިލާވަޅު މުތާލިއާކޮށް ނިންމާލި އެވެ. އެކަމަކު، އޯ ލެވެލް އިމްތިހާނު ފެށިއިރު ރަނގަޅަށް ތައްޔާރުވެވިފައި ހުރުމުން، ޓެސްޓު ތެރޭގައި ފިލާވަޅުތައް ދަސްކުރަން ގިނަ ވަގުތު ހޭދަކުރުމުގެ ބަދަލުގައި އަލާއު އިސްކަންދިނީ ކުރީގެ ޕޭޕަރުތައް ކޮންމެ ވެސް ވަރަކަށް ބަލާލައި ދަސްކުރާށެވެ.

"ކުރީބައިގައި ތައްޔާރުވެވުނީމަ ކަމަށް ގަބޫލުކުރެވެނީ އެގްޒާމް ތެރޭގައި އެހާ ސްޓްރެސް ނުވީ،" މީގެ ތިން އަހަރު ކުރިން، 2019 ވަނަ އަހަރު ބޭއްވި ގައުމީ ވާހަކަދެއްކުމުގެ މުބާރާތުގެ ދަށު ސާނަވީ ކެޓަގަރީން އެއް ވަނަ ހޯދި ދަރިވަރު ބުންޏެވެ.

ހިރިޔާ ސްކޫލްގެ ކެޕްޓަން އަލާއު: ކިޔެވިއިރު ހުރިހާ ކަމެއް ވެސް ވަގުތަށް ނިންމަން ސަމާލުކަން ދިން.- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ކިޔެވުމާއި ބެޑްމިންޓަނާއި ވޮޅީ ފަދަ ކުޅިވަރުތަކުގައި ވެސް ބައިވެރިވި ދަރިވަރުގެ ކިޔެވުން ކިޔެވުމުގެ ކަންކަން ގެންދަނީ ޝެޑިއުލެއް ހަދައިގެންނެވެ.

ރޭގަނޑުގެ ގިނަ ވަގުތު އެކި ކްލާސްތަކުގައި ވަގުތު ހޭދަކުރަން ޖެހޭތީ އެ ވަގުތުތަކުގައި ކިޔަވަން އޭނާއަށް އުނދަގުލެވެ. އެހެންވެ، އަލާއުގެ ކިޔެވުން ފަށަނީ ފަތިސް ނަމާދާއެކުގަ އެވެ.

އޭނާ ބުނީ ކިޔަވާއިރު ވެސް ކޮންމެ 15 މިނެޓަކުން 3-5 މިނެޓުގެ ކުޑަ ހުސްވަގުތު ކޮޅެއް ނަގާ ކަމަށެވެ. އެ ވަގުތުގެ ތެރޭގައި ސިކުނޑި ހަމަޖައްސާލުމަށް ސިޓިން ރޫމަށް ނުކުމެ، އާއިލާގެ ދެން ތިބި މީހުން ކުރާ ކަންކަން ބަލައިލަ އެވެ.

"ސިކުނޑިއަށް ވެސް ރެސްޓް ބޭނުންވާނެ. އެއްވެސް މީހަކަށް 24 ގަޑިއިރު ނުކިޔެވޭނެ،" ދެހާސް ނަވާރަ ވަނަ އަހަރު އެމެރިކާގައި ބޭއްވި ސްކައުޓް ޖަމްބަރީގައި ރާއްޖެ ތަމްސީލްކުރަން ލިބުނު ތިން ދަރިވަރުންގެ ތެރޭގައި ހިމެނޭ އަލާއު ބުންޏެވެ.

އޭނާ ބުނީ އިތުރު ހަރަކާތާއި ކިޔެވުމުގެ ކަންކަން ބެލެންސްކޮށްގެން ގެންދާނަމަ ނުވަތަ ޝެޑިއުލެއް ހަދައިގެން އުޅޭނަމަ އެ ހުރިހާ ކަމެއް މެނޭޖްކުރަން ވެސް ފަސޭހަވާނެ ކަމަށެވެ. އަލާއު ބުނީ ކަންކަން ރަނގަޅަށް މެނޭޖުކުރެވުނީ ޝެޑިއުލް ހަދައި، އެއާ އެއްގޮތަށް އަމަލުކޮށްގެންނެވެ.

ހިރިޔާ ސްކޫލްގެ ކެޕްޓަން އަލާއު: އޯ ލެވެލްގައި ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމަށް އުއްމީދުކުރޭ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އޯ ލެވެލްއަށް ތައްޔާރުވާއިރު ސަމާލުކަން ދޭންޖެހޭ ކަންތައްތައް

* ވީހާ ވެސް ރަނގަޅަށް ނިދުން.

ރަނގަޅަށް ހަމަ ނިދި ނުލިބި އެއްވެސް ކަމެއް ނުވާނެ ކަމަށް އަލާއު ގަބޫލުކުރެ އެވެ. ކިޔަވާ އެއްޗެއް ވެސް ރަނގަޅަށް ހަނދާނުގައި ހުންނާނީ ނަފްސާނީ ގޮތުން މީހާ ތައްޔާރުވެގެން ކަމަށާއި އެ ކަންކަން ފުރިހަމަވާނީ ރަނގަޅަށް ނިދައިގެން ކަމަށް އޭނާ ބުންޏެވެ.

* ޓީޗަރުން ކިޔަވައިދޭއިރު ކަނުލައި އަޑުއެހުން.

ކްލާހުގައި އަދި ޓިއުޝަންގައި ކިޔަވައިދޭއިރު ވެސް 100 ޕަސެންޓް ސަމާލުކަން ދިނުން ވަރަށް މުހިއްމެވެ. އަދި ޓީޗަރުން ރަނގަޅަށް ކިޔަވައިދިން ނަމަވެސް ހަމަ އެކަނި ޓީޗަރުންނަށް ބަރޯސާ ވުމުގެ ބަދަލުގައި އަމިއްލައަށް ވެސް ކުރީގެ ޕޭޕަރު ހަދައި ދަސްކުރުން ވަރަށް މުހިއްމު ކަމަށް އަލާއު ބުންޏެވެ.

0 ކޮމެންޓް, 55 ރިއެކްޝަންސް

icon happy
56
icon sad
4
icon angry
5
icon wow
0
icon inlove
35