background image
school guide logo

ދީމާ: ނަމޫނާ ދައްކަނީ ކުޅިވަރުގައި އެކަންޏެއް ނޫން

ޓޭބަލް ޓެނިސް ތަރި، ފާތިމަތު ދީމާ އަލީ އަކީ ރާއްޖޭގެ ކުޅިވަރުގައި ކިހާވަރެއްގެ އެތުލީޓެއްކަން ބުނެދޭކަށް ނުޖެހޭނެ އެވެ. ހަގު އުމުރުގައި

ހުސެއިން ހަބީބް

0
21 Jul 2022

ޓޭބަލް ޓެނިސް ތަރި، ފާތިމަތު ދީމާ އަލީ އަކީ ރާއްޖޭގެ ކުޅިވަރުގައި ކިހާވަރެއްގެ އެތުލީޓެއްކަން ބުނެދޭކަށް ނުޖެހޭނެ އެވެ. ހަގު އުމުރުގައި ވެސް ކުޅިވަރުގައި އޭނާ ހޯދާފައިވާ ކާމިޔާބާއި ގައުމަށް އޭނާ ހޯދައިދިން މެޑަލަތަކުގެ ވާހަކަ އިތުރަށް ކިޔައިދޭން ނުޖެހޭނެ ވަރަށް އެ ވާހަކަތަކަށް ދިވެހިން ފަރިތަ އެވެ.

އެކަމަކު ކުޅިވަރުގައި އެ ހޯދި ކާމިޔާބުތަކަށް ވުރެ ވަކިން ކުޑަ ނޫން ކާމިޔާބުތަކެއް ކިޔެވުމުގެ ހަޔާތުގައި ވެސް ދީމާ، 15، ވަނީ ހޯދައިފަ އެވެ. ސްރީ ލަންކާގެ ރޯޔަލް އިންސްޓިޓިއުޓް އޮފް އިންޓަނޭޝަނަލް ސްކޫލްގައި ކިޔަވަމުން އަންނަ ދީމާ ދަނީ، ހަމަ ކޮންމެ އަހަރަކު އެންމެ މޮޅު ދަރިވަރުންގެ ތެރޭގައި ހިމެނެމުންނެވެ. އަދި ކުޅިވަރުގައި ވެސް ލަންކާގެ ގައުމީ ޓީޓީ މުބާރާތުގައި އުމުރުފުރާތަކުގެ ކެޓަގަރީގައި އޭނާ ހޯދަމުން އަންނަ ކާމިޔާބުތައް ވީ ރޯޔަލް އިންސްޓިޓިއުޓަށް ވެސް ލިބުނު ރީތި ނަމަކަށެވެ. ކުޅިވަރާއި ކިޔެވުމުގައި ވެސް އެއްވަރަށް ނަމޫނާ ދައްކާތީ ޕާފޯމަންސް ކެޓަގަރީން ވެސް އެންމެ މޮޅު ދަރިވަރުންގެ ތެރޭގައި ދީމާ ހިމެނުނެވެ.

އެގޮތުން އެ ސްކޫލްގެ ބެސްޓް ސްޕޯޓްސް ވިމެން އޮފް ދަ އިޔާގެ އެވޯޑް އަދި އެންމެ މޮޅު ޓޭބަލް ޓެނިސް ކުޅުންތެރިޔާގެ އެވޯޑް ދެ ފަހަރެއްގެ މަތިން ދީމާ ހޯދި އެވެ. އެ އެވޯޑް ދެނީ ކުޅިވަރުގައި ހޯދާ ކާމިޔާބުގެ އިތުރަށް ކިޔެވުމުގައި ވެސް ހޯދާ މަތީ ވަނަތަކަށް ބެލުމަށް ފަހު އެވެ. އެ އެވޯޑާ އެކު ދީމާ އަށް ވަކި މުއްދަތެއް ވަންދަން ސްކޫލް ފީ ދައްކަން ނުޖެހޭ ގޮތަށް ސްކޮލާޝިޕެއްގެ ތެރޭގައި އޭނާގެ ކިޔެވުން ކުރިއަށް ގެންދިއުމުގެ ފުރުސަތު ވެސް ލިބިގެންދިޔަ އެވެ.

ކުޅިވަރުގައި އުޅުނަސް އޭނާ ކިޔެވުމަށް ހިޔަނި އެޅުނަކަ ނުދެ އެވެ. އަދި ކިޔެވުމުގެ ސަބަބުން ކުޅިވަރަށް ވެސް ހިޔަންޏެއް ނޭޅެ އެވެ. ސްކޫލްގައި ބާއްވާ އެހެނިހެން މުބާރާތްތަކުގައި ބައިވެރިވެ ވަނަ ހޯދަ އެވެ. ދީމާގެ މަންމަ އައިޝަތު ވަހީދާ ބުނި ގޮތުގައި ދީމާ އަކީ ކުޅިވަރުގައި ވެސް އަދި ކިޔެވުމުގައި ވެސް ވަރަށް މަސައްކަތް ކުރާ ކުއްޖެކެވެ.

ދީމާ ސްކޫލް ޔުނީފޯމްގައި: އޭނާ ބުނިގޮތުގައި އެ ދުވަހެއްގައި ދޭ ފިލާވަޅުތައް އެދުވަހު ބަރާބަރަށް ފުރިހަމަ ކުރަން

"އަބަދުވެސް އެ ދުވަހުގެ ފިލާވަޅު އެ ދުވަހު ނިންމަން. ވަރަށް އުނދަގޫ ވާނެ ފިލާވަޅުތައް ފަހުން ހަދަން ބަހައްޓައިފިއްޔާ،" ކިޔެވުން ކުރިއަށް ގެންދާ ގޮތާ ބެހޭގޮތުން ދީމާ ބުންޏެވެ.

މިހާރު އޭނާގެ ޓްރޭނިން ކުރިއަށް ދަނީ ތައިލެންޑްގަ އެވެ. އެހެންވެ ކިޔެވުމުގެ ކަންކަން ކުރިއަށް ގެންދަނީ އޮންލައިން ކޮށެވެ. އެކަމަކު ވެސް ދޭ ވޯކް ޝީޓްތައް އެ ދުވަހުން އެ ދުވަހަށް ނިންމާ ކަމަށް ދީމާ ބުންޏެވެ.

"އޮންލައިންކޮށް ކިޔަވާއިރު ވޯކް ޝީޓްތައް ވެސް ތަންކޮޅެއް ގިނައިން ދޭނެ. އެހެން ވިޔަސް ދީމާ ނިންމަން. ރޭގަނޑު ވަރަށް ދަން ވަންދެން ވެސް ހޭލާ އިނދެގެން ވެސް އެ އެއްޗިހިތައް ވެސް ނިންމަން. ބައެއް ރޭރޭ ފިލާވަޅުތައް ނިމިގެން ނިދާއިރު ހުންނާނެ ތިނެއް ހަތަރެއް ޖަހާއިރު ވެސް ނިދައިފަ،" ދީމާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެއީ ކިޔަވާ ކުއްޖަކަށް އެންމެ ރަނގަޅު ގޮތެވެ. ކަންކަން ފަސް ކުރުމުގެ އާދައިން ކިޔަވާ ކުއްޖެއްނަމަ ދުރުހެލިވާން ޖެހޭނެ ކަމަށް ދީމާ ބުންޏެވެ. ކިޔަވާ ގަޑީގައި ވިސްނުން ބަހައްޓަންވީ ހަމައެކަނި ކިޔެވުމުގެ މައްޗަށް ކަމަށްވެސް، ރާއްޖޭގެ ގައުމީ ޗެމްޕިއަން ދީމާ ބުންޏެވެ. ދެން ޕްރެކްޓިސް ވެސް ވަކި ގަޑިއަކަށް ހަމަޖައްސާފައި ބޭއްވުމުގެ މުހިންމުކަން ނިމިދިޔަ ސައުތު އޭޝިއަން ހޯޕްސް ވީކްގެ ކެޑޭޓް ބައިން ރިހި މެޑަލް ހޯދި ދީމާ ފާހަގަ ކުރި އެވެ.

"ކުޅޭ ގަޑީގައި އެކަނި ފޯކަސް ކުރަންވީ އެކަމަށް. ކިޔަވާ ގަޑީގައި ވިސްނާނީ ކިޔެވުމަށް. އެ ގަޑިތަކުގައި އެހެން ކަމަކަށް ނުވިސްނާ ކުރި އަށް ދާން ވާނީ. ދެން ކުޅެ ނިމުނީމަ އައިސް ކިޔެވުމަށް،" ދީމާ ބުންޏެވެ.

ސްރީ ލަންކާގެ ރޯޔަލް އިންސްޓިޓިއުޓް އޮފް އިންޓަނޭޝަނަލް ސްކޫލްގައި ދީމާ (ކ) އާއި އެ ސްކޫލްގެ ބައެއް އެހެން ދަރިވަރުން

ދީމާ ބުނިގޮތުގައި ކުޅެގެން އައިސް ދެން އަނެއްކާ ވެސް އިސްކަން ދެނީ އޭނާގެ ފިލާވަޅުތައް މުތޯލިއާ ކޮށްލުމަށެވެ. އޭނާ ހޮބީއެއްގެ ގޮތުގައި އޮތީ ކިޔެވުމާއި ސީދާ ގުޅިފައި އޮތް ދެ ކަމެކެވެ.

ހޮބީއެއްގެ ގޮތުގައި ކުރާ ކަމަކީ ކުރެހުމެވެ. ހުސްވަގުތު ލިބިއްޖެ ނަމަ ކޮންމެވެސް އެއްޗެއް ކުރަހާލެވޭތޯ މަސައްކަތް ކުރާ ކަމަށް ދީމާ ބުންޏެވެ. ދެން ހުސް ވަގުތެއް ލިބޭ އިރު އެކައުންޓިންގެ ވޯކްޝީޓްތައް ހަދަ އެވެ. ވަހީދާ ބުނި ގޮތުގައި އެކައުންޓިން ވޯކް ޝީޓް ހެދުމަކީ ދީމާ ވަރަށް ކުރާހިތުން ކުރާ ކަމެވެ.

އެންމެ ފަހުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ތިން އިވެންޓަކުން ރާއްޖެ އަށް ރަން މެޑަލް ހޯދައިދިން ދީމާ، ކުޅުން ހުއްޓާލުމަށް ފަހު ޕްލޭންތައް ހުރި ގޮތް ވެސް ދީމާ "މިހާރު" އަށް ކިޔައިދިނެވެ.

"ދީމާ އުންމީދު ކުރަނީ 30 އަހަރުވާއިރު ރިޓަޔާ ކުރަން. އޭގެ ފަހުން ދީމާ ބޭނުން ވަނީ ވަޒީފާއެއް އަދާކުރަން. ދީމާ ވަރަށް ކުރަން ބޭނުންވާ ކަމެއް އަސްލު ވަޒީފާ އަށް ދިއުން،" ކުޅުން ހުއްޓާލުމަށް ފަހު އެކައުންޓެންޓެއްގެ ގޮތުގައި ފެނިދާނެ ކަމަށް ބުނެ ދީމާ ކިޔައިދިނެވެ.

0 ކޮމެންޓް, 116 ރިއެކްޝަންސް

icon happy
28
icon sad
3
icon angry
11
icon wow
4
icon inlove
53