މުހައްމަދު ޒަޔާން ޒާހިރު
ފުޓްބޯޅަ އާއި އެތުލެޓިކްސްގައި ވެސް ކުރިއެރުން ހޯދަމުން އަންނަ އިސްކަންދަރު ސްކޫލްގެ އަލީ އިލާން އަހުމަދަކީ ކުޅިވަރުގެ އިތުރުން ކިޔެވުމުގައި ވެސް ކާމިޔާބީއަށް ވާސިލްވާން މަސައްކަތް ކުރަމުން އަންނަ ދަރިވަރެކެވެ.
ކުރިއަށް އޮތް ސްކޫލް އެކަޑަމިކް އަހަރު ގްރޭޑް 9 ގެ ތައުލީމް ފަށަން ތައްޔާރު ވަމުން އަންނަ އަލީ އައީ އެންމެ ކުޑައިރުއްސުރެން ވެސް އޭނާގެ ބޮޑުބޭބެ، ހީނާ އަހުމަދު ސަލީމް (ބޮޑު ހީނާ) ހިންގާ އާލީ ޓަޗް ފުޓްބޯޅަ އެކަޑަމީ (އީޓީއެފްއޭ) ގައި ތަމްރީނު ވަމުންނެވެ. އިސްކޮޅުން ކުރު ނަމަވެސް އޭނާގެ ދުވެލި ނުހިފެހެއްޓެ އެވެ. އަދި ހުނަރުގެ ގޮތުން ބެއްޔަސް އޭނާ އަކީ ނަމޫނާ ދަރިވަރެކެވެ.
މި އަހަރު އޮތް 15 އަހަރުން ދަށުގެ އިންޓަ ސްކޫލް މުބާރާތް އިސްކަންދަރަށް ކާމިޔާބު ކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި އަލީ ވަނީ އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގައި 400 މީޓަރު ދުވުމުން ރަން މެޑަލް ހޯދައި އޭނާގެ ކުޅަދާނަކަން ސާބިތު ކޮށްދީފަ އެވެ.
ކިޔަވަމުން ކުޅިވަރަށް ވަގުތު ހުސްކުރަމުން ކޮންމެ ދުވަހެއް އަލީ އަށް ހޭދަކުރަން ޖެހޭއިރު ހުރިހާ ކަމެއް ބެލެންސް ކޮށް ތާވަލަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދަން އަލީ ސަމާލުކަންދެ އެވެ. ސްކޫލް ނިންމާފައި ގެއަށް އަންނަ ގޮތަށް ޓިއުޝަން ތަކާއި ޕްރެކްޓިސްތައް ކޮންމެ ދުވަހަކު ވެސް ކުރިއަށް ގެންދަނީ ގޭގައި ފިލާވަޅުތައް ދަސްކޮށް އެހެނިހެން ކަންކަމަށް ވެސް ވަގުތު ހުސްކުރަމުންނެވެ.
އަލީގެ މަންމަ ބުނާ ގޮތުގައި އަލީ އަކީ އެއްވެސް ކަމެއްގައި ތެޅިފޮޅިގަނެގެން ނޫޅެ، ކުޅިވަރާ އެއްވަރަށް ކިޔެވުމުގައި ވެސް ވަރަށް ހަމަޖެހިގެން ޝެޑިއުލަކާ އެއްގޮތަށް އެއަށް އަމަލު ކުރަމުން އަންނަ "އޯލް އިން ވަން" އެކެވެ.
"ފުޓްބޯޅަ ކުޅުމުން އެތުލެޓިކްސް އަށް އެހީ ލިބޭ، އެތުލެޓިކްސް އިން ފުޓްބޯޅައަށް ވެސް. އަދި ކުޅިވަރު ތަކުގައި އުޅެވުމުން ކިޔެވުމަށް ވެސް އޭގެ ރަނގަޅު އަސަރު ކުރޭ. ސިކުނޑި ތާޒާވެ ހިތްހަމަޖެހިގެން ކިޔެވުން ކުރިއަށް ގެންދެވޭ،" ކުޅިވަރު އާއިލާއަކަށް އުފަން އަލީ ބުންނެވެ.
"ސްކޫލުން ގެއަށް އައިސް ކުޑަ ވަގުތުކޮޅެއް ވެސް ހުސްކޮށް ނުލިބި ދާޏް ޖެހޭ ޓިއުޝަނަށް، ޓިއުޝަން ނިންމާފައި ގޭގައި ކިޔަވަން ވެސް ވަގުތު ހޭދަ ކުރަން ޖެހޭ ހަވީރު ޕްރެކްޓިސްތަކަށް ދިޔުމުގެ ކުރިން. ޕްރެކްޓިސް އިން އައިސް އެހެން ޓިއުޝަނެއް އޮންނަ ދުވަހެއް ވިއްޔާ އޭގެ ކުރިން ކުޑަ ހުސްވަގުތެއް ލިބޭނީ. އަދި ކުރިއަށް އޮތް ދުވަހަށް މީހާ ފްރެޝްކޮށް ބަހައްޓަން ވީހާވެސް އަވަހަށް ނިދުން ވަރަށް މުހިއްމު."
އިޓަލީގެ ސެރީ އޭ ކްލަބް ޓޮރީނޯ އިން ރާއްޖޭގައި ބޭއްވި ޓްރޭނިން ކޭމްޕަކުން ހޮވިގެން ތަމްރީނުތަކަށް އިޓަލީއަށް ދާން ވެސް އަލީ އަށް ފުރުސަތު ލިބުނެވެ. ނަމަވެސް އެ ދުވަސްވަރު ކޮވިޑް-19 އާ ގުޅިގެން އެ ދަތުރު ކެންސަލް ވުމަކީ އަލީ އަށް ފުޓްބޯޅައިގެ ހުނަރު ތަރައްގީ ކުރަން ލިބުނު މުހިއްމު ފުރުސަތެއް ގެއްލުން ކަމުގައި އޭނާ ދެކެ އެވެ.
ފުޓުބޯޅަ ޕްރެކްޓިސްއަކީ ކޮންމެ ދުވަހަކު ވެސް އަލީގެ ޝެޑިއުލްގައި ހިމެނޭ ކަމެކެވެ. ނަމަވެސް އެތުލެޓިކްސް އަށް ހާއްސަ ތައްޔާރީތަކެއް ވަނީ މުބާރާތް ފެށެން ދެތިން މަހަށް ވުމުން ކަމަށް އަލީ ބުނެ އެވެ.
އަލީގެ ބޮޑުބޭބެ ކުޑަހީނާ ފަދައިން އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލު ކުރަން ފުރުސަތު ހޯދުމަކީ އަލީގެ އުންމީދެކެވެ.
ނަމަވެސް ސްކޫލް ނިންމާ ހިސާބުން ކޮންމެވެސް އެއް ކުޅިވަރަކަށް ހާއްސަ ވާން ޖެހޭ ދުވަހަކަށް އަދި އަލީ ނުވިސްނަ އެވެ. ނަމަވެސް ފުޓްބޯޅައިގައި އަލީ އަޝްފާގް (ދަގަނޑޭ) އާއި އެތުލެޓިކްސްގައި އިބާދުﷲ އާދަމް އަކީ އޭނާ ރާއްޖޭން އެންމެ ފޮލޯ ކުރާ އެތުލީޓުންނެވެ.
އަލީ ބުނީ އެއް ކުޅިވަރަކަށް ހާއްސަ ވުމުގައި ގޮތެއް ނިންމާނީ ވަގުތު ޖެހުމުން ކަމަށާއި މިހާރުގެ އަމާޒަކީ ކުޅިވަރާ އެއްވަރަށް ކިޔެވުމުގައި ވެސް ކުރިއެރުން ހޯދުން ކަމަށެވެ.
"ސްކޫލުގައި ކްލާސް ކުއްޖެއް އެހި، ކިހިނެއް ހޭ ކިޔަވަމުން ކުޅިވަރު ކުޅެން ވަގުތު ހުސްކުރަނީ. އަޅުގަނޑު އެ ކުއްޖާއަށް ކިޔައިދިނިން އަޅުގަނޑަން ކިޔެވުމުގެ އިތުރުން ވެސް ކުޅިވަރަކީ ކިހާ މުހިއްމު ކަމެއް ކަމާއި، ކޮންމެ ދުވަހެއްގެ ޝެޑިއުލް ރާވާލައިގެން ކުރިއަށް ގެންދާ ގޮތް. މިހާރު އެ ކުއްޖާ ކިޔެވުމުގެ އިތުރުން ކުޅިވަރުގެ ހަރަކާތްތަކުގައި ވެސް ޝާމިލް ވޭ. އެހެން ކުއއްޖަކަށް ކުޅިވަރުގެ ދާއިރާއިން އިންސްޕަޔާ ކޮށްދެވުމުން ވަރަށް އުފާވޭ،" އަންނަ އަހަރު ސްކޫލްގެ ޕްރިފެކްޓް ބޯޑުގައި ހިމެނުމުގެ އަޒުމުގައި ހުރި އަލީ ބުންނެވެ.
ހަފްތާ ބަންދު ދުވަސްތަކުގައި އަލީ ކުރާ އެހެން ކަމެއް އޮވެ އެވެ. އެއީ ވާހަކަ ފޮތް ކިޔުމެވެ.
ސްކޫލް އޮންނަ ދުވަސްދުވަހު އެކަމަށް ވަގުތު ހުސް ނުކުރެވުނަސް، ކޮންމެ ހަފްތާ ބަންދެއްގައި ވެސް ކޮންމެވެސް ވާހަކަ ފޮތެއް ކިޔަން އަލީ އޭނާގެ ވަގުތު ހުސްކުރެ އެވެ.
ކިޔެވުމަކީ ސިކުނޑި ތަރައްގީކޮށްދޭ ކަމެއް ކަން ފާހަގަކުރަަމުން އަލީ ބުނީ އެ ނޫނަސް ބައިވަރު ކަންކަމަށް ޝައުގުވެރިކަން ހުންނަ ކަމަށެވެ. އޭގެތެރޭގައި ޑައިވްކުރުން ވެސް ހިމެނެ އެވެ. އަލީ ވަނީ ސީއެންއެންގެ "ޒޫނާ ޕްރޮގްރާމް" ގައި އިންޓަވިއު އެއް ވެސް ދީފަ އެވެ.
ސްކޫލް ދައުރުގައި އެކި ގޮތްގޮތުން ކުދިން ތަފާތު ކުރުމަކީ ވެސް ހިނގާ ކަންކަމެވެ. އެގޮތުން އަލީ އަކީ އިސްކޮޅުން އެ އުމުރުގެ އެހެން ކުދިންނާ އިސްކޮޅުގެ ތަފާތު ހުންނަ ކުއްޖަކަށް ވުމުން އަލީ އަށް ވެސް ކުޅިވަރުތަކުގައި ތަފާތު ކުރުންތަކާ ދިމާ ވެއެވެ. ނަމަވެސް އެކަންކަމުން މާޔޫސް ނުވެ، އެއިން އަލީ ލިބިގަންނަނީ ކުރިއަށް ދާން އިތުރު ހިތްވަރެކެވެ.
ބިޒްނަސް ސްޓްރީމްގެ މާއްދާތަކަށް ލޯބިކުރާ އަލީ އެންމެ ކިޔަވާ ހިތްވަނީ އެކައުންޓިން އެވެ. ނަމަވެސް ސްކޫލް ނިންމުމަށް ފަހު ވެސް ކުޅިވަރުގައި އުޅުމަކީ އަލީ އެންމެ ބޭނުންވާ ގޮތެވެ. ކުޅިވަރު ކުޅޭ އެތުލީޓެއްގެ ގޮތުގައި ނުފެންނަ ނަމަ އަލީ ހުރީ ސްޕޯޓްސް މެނޭޖްމަންޓްގެ ދާއިރާއަކުން ކުރިއަށް ދާށެވެ.
އަލީ ދެކޭ ގޮތުގައި މި ޖީލުގެ އަރަމުން އަންނަ ކުޅިވަރު އެތުލީޓުންނަކީ ހުނަރުގެ ގޮތުން މޮޅު އަދި ކުރިއަރަން ގިނަ މަސައްކަތްތަކެއް ކުރާ ކުދިންތަކެކެވެ. އަދި ޕްރޮފެޝަނަލް ކޮށް މި ކުދިންނަށް ކުޅިވަރުން ކެރިއަރެއް ބިނާކުރުމުގެ ފުރުސަތު ލިބުމަކީ އަލީގެ އުންމީދެކެވެ.
ގައުމުގެ ބިންތައް
28 Jun 2023
ކުޅިވަރު އެސޯސިއޭޝަން ތަކާއި ކުދިންގެ ކޯޗުންވެސް ކުދިންތަފާތުކުރޭ. އެމީހުންރުހޭ ކުދިންނަށް ފުރުސަތު ފަހި، ނުކުޅެވުނަސް.
ޖަަޔާ
28 Jun 2023
ތަފާތު ކުރާ ކޯޗުންނަކީ ކޯޗުންނެ ނޫން
ޞަމްސް ނިސާ
28 Jun 2023
ތިޔަ ބުނަނީ ބާސްކެޓް ގެ ވާހަކަ ދެއްތޯ ، ރަނގަޅުވާހަކައެއް
އަހުމިއްޓޭ
28 Jun 2023
ފުރަތަމަ މުސްލިމުންގެ ނަންތައް ރަނގަޅަށް ދަސްކޮށްބަލަ. ޢަލީ ކިޔާނީ. އަލީ އެއްނޫން.
ދަނޭ
28 Jun 2023
ރަނގަޅު.. ކިޔާނީ ޢަލީ... ލިޔާނީ އަލީ
ޙެޔޮއެދޭ ބެ
28 Jun 2023
އަލީ ގެ ބެލެނިވެރިން ނައް ބުނެލަން އޮތީ ބާސްކެޓައް ދިޔަ ނުދެއްޗޭ ސުކުރިއްޔާ