ފާތިމަތު އަޖްފާން
ހުރިހާ މާއްދާއަކުން އޭ ސްޓާ ލިބޭނެ ކަމަށް ގއ. އަތޮޅު ތައުލީމީ މަރުކަޒުން އޭލެވެލް ނިންމި އަހްމަދު މައޫޝް ސަބްރީ އަށް ގަބޫލެއް ނުކުރެވުނެވެ. ހާއްސަކޮށް ދިވެހި މާއްދާއިންނެވެ.
"އަބަދުވެސް ދިވެހި ވަރަށް އުނދަގޫ، އެހެންވެ ހިއެއް ނުކުރަން އެ މާއްދާއިން އޭ ސްޓާއެއް ލިބޭނެ ކަމަކަށް. ދިވެހިން ވާނެ ގޮތެއް ނޭނގޭތީ އެއްވަނަ ލިބޭނެ ކަމަކަށް ގަބޫލެއް ނުކުރެވުނު."
ނަމަވެސް މައޫޝް އަށް ކިޔެވުމަށް ކުރެވުނު މަސައްކަތުން ލިބުނު ކާމިޔާބީއާ ދޭތެރޭ އޭނާ ހިތްހަމަޖެހެ އެވެ. އަދި އެއިން އެނގުނީ މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއްވެސް ކާމިޔާބު ވާނެކަން ކަމަށް މައޫޝް ބުންޏެވެ.
އޭގެ ނަތީޖާއަކަށްވީ މައޫޝް އަށް ބިޒްނަސްއިން ދުނިޔެއިން ތިން ވަނަ އާއި އެކައުންޓިން އިން ދުނިޔެއިން ހަތަރު ވަނަ، އިކޮނޮމިކްސް އިން ދުނިޔެއިން ފަސް ވަނަ ލިބުމެވެ. އަދި އިކޮނޮމިކްސްއިން މުޅި ރާއްޖެއިން އެއް ވަނަ ވެސް އޭނާ އަށް ލިބުމެވެ.
މިއީ ރަށެއްގެ ސްކޫލުން ކިޔަވައިގެން ދަރިވަރަކު ހޯދި އެންމެ ރަނގަޅު އެއް ކާމިޔާބީ އެވެ.
ހައި އެޗީވާސް އެވޯޑް މައޫޝައަށް ރައީސް އިބްރާހިމް މުހައްމަދު ދެއްވަނީ.--
އަޅުގަނޑު އަބަދުވެސް އުންމީދު ކުރިން ރަށުން ކިޔެވިޔަސް ރަނގަޅު ނަތީޖާ ނެރެވިދާނެކަން. އެއީ ގއ. އަތޮޅު ތައުލީމީ މަރުކަޒަކީ ވަރަށް ވަރުގަދަ ޓީޗަރުންގެ ޓީމެއް އޮންނަ ތަނެއް. އަބަދުވެސް ކިޔެވުމަށް ވަރަށް މޯޓިވޭޓް ކުރާނެ.
ދަށް ނަތީޖާއެއް ލިބުނަސް އަބަދުވެސް ޕުޝް ކުރާނީ އެއަށްވުރެ ރަނގަޅު ނަތީޖާއަކަށް. ހުރިހާ ސުވާލެއް ވެސް ހުރިހާ ޖަވާބެއް ވެސް ޑައުޓެއް އޮތަސް އެކަން ކްލިއާ ކުރަން ހުރިހާ ޓީޗަރުން ވެސް ވަރަށް ބާރުއަޅާނެ.
ކުދިން މަދުވީމާ ޓީޗަރުންނަށް ކިޔަވައިދޭން ވެސް ފަސޭހަވި. ހުރިހާ ޓީޗަރުންނާއި ޕްރިންސިޕަލްގެ ފަރާތުން ލިބުނީ ހިތްވަރު. އެކަހަލަ ޓީމެއް އޮވެ، ޓީޗަރުންގެ ފަރާތުން އަބަދު ވެސް ސަޕޯޓް ލިބޭ ކުރިއަށް ދާން، އެހެންވެ އަބަދުވެސް އުންމީދު ކުރިން ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމަށް.
މައޫޝް އޭނާގެ މަންމަ އާއެކު: މައުޝްގެ މަންމަ އަކީ އިސްލާމް މާއްދާއިން މާސްޓާސް ނިންމުމަށްފަހު ގއ. އަތޮޅު މަދަރުސާގައި ކިޔަވައިދެމުން އަންނަ ޓީޗެއް.--
އޯލެވެލްގައި އަޅުގަނޑު ހިމެނުނީ ޓޮޕް ޓެންގެ އަށް ވަނައިގައި. އަޅުގަނޑު އެހާ ވަރަށް މަސައްކަތެއް ނުކުރަން އެ އަހަރު. އެ ނަތީޖާއިން އަޅުގަނޑަށް ލިބުނު މޯޓިވޭޝަނަކީ އޭލެލްގައި ގަދައަށް ހިތްވަރާ އެކު މަސައްކަތް ކުރުން.
އޭލެވެލްގައި ވަރަށް މަސައްކަތް ކުރިން. އަޅުގަނޑު ބުނާނީ އެއިން އެ ދައްކައިދެނީ މަސައްކަތް ކޮށްފިއްޔާ ކާމިޔާބުވާނެ ކަމޭ.
އެކަމަކު އޭރު ވެސް އެކްސްޕެކްޓެއް ނުކުރަން ހުރިހާ މާއްދާއަކުން އޭ ސްޓާ ލިބޭނެ ކަމަށް. އެއީ ދިވެހި މާއްދާ އުނދަގޫ ވީމަ.
އޯލެވެލްގައި އެ ނަތީޖާ ލިބުނީމަ އޭރު ކިޔެވިގޮތް ބަދަލުކޮށްލީ. ޓިއުޝަނަށް ދިއުމާއި ހޭލާ ހުރެގެން ކިޔެވުން ދޫކޮށްލީ. ކޮންމެ ދުވަހަކު ވެސް އެ ދުވަހަކު ދޭ ފިލާވަޅުތައް ބަރާބަރަށް ދަސްކުރަމުން ގެންދިޔައީ، ސްކޫލުގައި ކުރާ މަސައްކަތް އިތުރު ކުރީ.
އޭލެވެލް ގަދަ 10ގައި ހިމެނުނު ކުދިންނަށް އެވޯޑް ދިނުމަށް ބޭއްވި ހަފްލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މައޫޝްއަށް އެވޯޑް ހަވާލުކުރަނީ -- މިހާރު ފޮޓޯ
އެހެން ކުދިންނަށް މައޫޝް ބުނަން ބޭނުންވަނީ ކިޔެވުމަކީ ވަކިތަނެއްގައި ހުރެގެން ވާނެ ކަމެއް ނޫން ކަމެވެ. ކޮންމެ ތަނެއްގައި ހުރެގެން ވިޔަސް ރަނގަޅަށް ހިތްވަރާއެކު ކިޔަވައިދިނަމަ ކާމިޔާބުވާނެ ކަމެވެ.
"އަޅުގަނޑު ބުނާނީ އެއްވެސް ކުއްޖަކު އޯވާ ކޮންފިޑެންޓް ނުވާށޭ. އެއީ ވަރަށް ބޮޑު ގޯހެއް ކޮންމެ ކުއްޖަކަށްވެސް ހެދޭ. ދެން ކޮންމެ ކުއްޖަކު ވެސް ކޮންމެ ދުވަހަކު ވެސް ދޭ ފިލާވަޅު ރަނގަޅަށް ދަސްކޮށް ޑެއިލީ ބޭސިސްއެއްގައި މަސައްކަތް ކުރީމަ ހަމަ ކޮންމެ ކަމެއްވެސް ރަނގަޅުވާނެ. ހުއްޓާ ނުލާ ކޮންމެ ދުވަހަކު ވެސް ކިޔެވީމަ، އެ މާއްދާއެއް ފަސޭހަ ވާނެ."
ސައްލޫބައި
11 Jul 2023
ހަތަރުކަށިމްތިން އަކަށް ނެނގޭނެ ރާއޖެތެރޭ މީހުން ދާންވީ ތަނެއް
މުކޭޒ
11 Jul 2023
އެހެންވީމަ މިބުނަނީ ރާއްޖެތެރެމީހުން ރަށައްދާށޭ މަލޭމީހުންނައް މާލެދީފަ
ކަންހިނގާ ގޮއި
11 Jul 2023
އަވަހައް ތި ސްކޫލުގެ ކިޔެވުން ހަލާކު ކުރަން އުޅޭތަން ދެން ފެންނާނީ
އަފްރާސިޔާބު
11 Jul 2023
އަދިވެސް ބުނޭ ރާއްޖެ ތެރެއިން ތައުލީމު ނުލިބޭތީ އޭ މާލެ އަންނަނީ. ފެނޭތަ ރަށް ރަށުގައި ތިބެގެން ކުލީގެ އަޅުންނަށް ނުވެ ކިޔަވާ ދަރިވަރުން. ކިޔެވީމާ ކިޔެވޭނީ. މާލެ އައިސް އަޗާ ތަޅަން ދުވީމާ ނުކިޔެވޭނެ ވަޒީފާ ވެސް ނުލިބޭނެ.
ހުޒާމު
11 Jul 2023
ރާއްޖެތެރެއިން ވަޒީފާއެއް ނުލިބޭ، ސިއްހީ ހިދުމަތެއް ނުލިބޭ، މަތީ ތައުލީމެއް ނުލިބޭ އޭލެވެލު އެއީ މިހާރު އަލިފުބާ..
ނާޑުވާ
11 Jul 2023
މައޫޝް އަށް ކާމިޔާބާއި އުޖާލާ މުސްތަޤްބަލަކަށް އެދެން. މިއަދު ރައްރަށިގެ ސްކޫލްތަކުން ވަނަތައް ޙާޞިލް ކުރަމުން އެދަނީ ވެރިރަށް މާލެއަށް ކިޔަވަން ނައިސް. އެކަމަކުވެސް ބައެއް މީހުންނަށް މިއަދުވެސް ހީވަނީ މޮޅަށް ކިޔެވެނީ މާލެ އައިސްގެން ކަމަށް.
ބޫޓު
11 Jul 2023
ހީވަނީކީ ނޫނެވެ. އެއީ އެމީހުން މާލެއަށް އައުމަށް ދައްކާ ބަހަނާ އެކެވެ.
ކަރޯގެ ކުއްޖާ
12 Jul 2023
އާން ރަނގަޅު. ކޮންމެހެން މާލެ ނަޔަކަސް ހަމަ ރަނގަޅު ނަތީޖާ ހޯދޭނެ. ކީއްކުރަން ކުދިންތައް ގަނތަޅުވަން މާލެ ގެންނަނީކީ. މަގުމައްޗަށް ގިނަވެ ކުދިންގެ މައުސޫމުކަން ގެއްލުން ނޫނަކަމެއް ނުވޭ.