މުހައްމަދު ރަޝީދު
ރަނގަޅު ތަރުބިއްޔަތާއި ރިވެތި އަހުލާގަކީ ދަރިވަރުންގެ އިލްމީ ކުރިއެރުމާއި ކާމިޔާބީ އަށް ނުހަނު މުހިންމު ދެ ސިފައެވެ. އެއީ ދަރިވަރުންގެ ޝަހުސިއްޔަތު ބައްޓަން ކުރުމަށާއި ދަރިވަރުންނަކީ ޒިންމާދާރު ރައްޔިތުންނަށް ހެދުމަށް ވެސް އެހާ މުހިންމު ދެ ސިފަ އެވެ. މި ދެ ސިފަ ދަރިވަރުންގައި އަށަގެންނެވުމަށް މަސައްކަތް ކުރުމަކީ ހަމައެކަނި މަދްރަސާތަކުގެ ޒިންމާއެއް ނޫނެވެ. އެއީ ބެލެނިވެރިންގެ ވެސް ޒިންމާއެކެވެ. އެހެންކަމުން އެކަމުގައި މަސައްކަތް ކުރަން ޖެހޭނީ މަދްރަސާ ތަކާއި ބެލެނިވެރިން ގުޅިގެންނެވެ. ހެޔޮ ނަތީޖާ ނެރުމުގެ މާތް މަގުސަދުގަ އެވެ.
މި ލިޔުމުގައި އަޅުގަނޑު ފުރަތަމަ ބަލާލާނީ ދަރިވަރުންނަށް ރަނގަޅު ތަރުބިއްޔަތާއި ރިވެތި އަހުލާގުގެ މުހިންމު ކަމުގެ މައްޗަށެވެ. އެ އަށް ފަހު، ދަރިވަރުންގެ ކިބައިގައި އެ ކަންކަން އަށަގެންނެވުމުގައި މަދްރަސާ ތަކާއި ބެލެނިވެރިންނަށް އޮތް ރޯލުގެ މައްޗަށެވެ.
އެއްވެސް ޝައްކެތް ނެތް ގޮތުގައި ހެޔޮތަރުބިއްޔަތު އުގަންނައިދެނީ ދަރިވަރުންގެ ކާމިޔާބީ އަށް މުހިންމު ހުނަރު ތަކެކެވެ. އެއީ ތިމާގެ ނަފްސު ކޮންޓްރޯލް ކުރުމާއި ވަގުތު މެނޭޖް ކުރުމާއި މަސައްކަތަށް ފަރުވާތެރިވުމުގެ ހުނަރެވެ. ކަމަށް ކަމޭހިތުމާއި މައިން ބަފައިންނާއި އަނެކުންނަށް އިހުސާންތެރިވުމާއި އެދުރުންނަށް އިހުތިރާމް ކުރުމާއި ކަމޭހިތުމާއި މުޖުތަމައުގެ އާދަކާދަތަކަށް ބޯލަނބައި ނެގެހެއްޓުމާއި ދުވަސްވީ މީހުންނާއި ރައްޓެހީންނާއި ރަހުމަތްތެރީންގެ މައްޗަށް ކުލުނުވެރިވުމެވެ. މިއީ އަނެކުންގެ ލޯތްބާއި އިހުތިރާމް ހާސިލް ކުރުމަށް ދަރިވަރުން ދަސްކޮށް ދަމަހައްޓަން ޖެހޭ ސިފަތަކެކެވެ. މިއީ ދަރިވަރުންގެ އުނގެނުމުގެ މާހައުލަށް ވެސް މުހިންމު ސިފަތަކެކެވެ.
އެއީ ކުލާހުގައި ކަނުލައި އެހުމާއި ބަހުސްތަކުގައި ބައިވެރިވުމާއި އެދުރުން ހަވާލުކުރާ މަސައްކަތްތައް ބަރާބަރަށް ނިންމަމުން ގެންދިއުމަށް އެޅޭ ވަރުގަދަ ބިންގަލަކަށް ވާތީ އެވެ. މީގެ ނަތީޖާއަކަށް ވާނީ ދަރިވަރުންނަކީ މައުލޫމާތު މުއްސަނދި ބަޔަކަށް ވެގެން ދިއުމެވެ. ބުއްދީގެ ތޫނުފިލިކަން ބޮޑުބަޔަކަށް ވެގެން ދިއުމެވެ. އުނގެނުމުގެ ރޮނގުގައި ރަން ވަނަތަކެއް ހާސިލުކުރާ ކުދިބަޔަކަށް ވެގެން ދިއުމެވެ.
އަހުމަދިއްޔާގެ ޕްރިންސިޕަލް މުހަންމަދު ރަޝީދު
ރިވެތި އަހުލާގާ މެދު ވިސްނާލާއިރު، އެއީ ދަރިވަރުންގެ ޝަހުސިއްޔަތު ބައްޓަންކޮށް، ބިނާކުރަމުން ގެންދިއުމަށް އެހާމެ މުހިންމު އެއްޗެކެވެ. ކޮންމެ މުޖުތަމައެއްގައި ވެސް އެ މުޖުތަމައެއްގައި ހުއްދަ ކަންކަމާއި ހުއްދަ ނޫން ކަންކަން، މީހުން ގަބޫލުކުރާ ކަންކަމާއި ގަބޫލު ނުކުރާ ކަންކަން އަދި މީހުން ބަލައިގަންނަ ކަންކަމާއި ބަލައިނުގަންނަ ކަންކަން ހުރެ އެވެ. މީހުން ދިރުވައި ދަމަހައްޓާ ކަންކަން ހުރެ އެވެ. އާދަކާދަތަކެއް ހުރެ އެވެ. އެ ހުރިހާ ކަމެއް ޖުމްލަކޮށް، އެ އަށް ކިޔައި އުޅެނީ ސަގާފަތެވެ. ސަގާފަތުގެ ތެރޭގައި އަގީދާއާ ގުޅޭ ކަންކަން ވެސް ހިމެނެ އެވެ. ރިވެތި އަހުލާގަކީ މި ދެންނެވި ކަންކަމުގެ މިންގަނޑަށް ފެތޭ ކަންކަމެވެ.
އެއީ ކުލާހުގައި ކަނުލައި އެހުމާއި ބަހުސްތަކުގައި ބައިވެރިވުމާއި އެދުރުން ހަވާލުކުރާ މަސައްކަތްތައް ބަރާބަރަށް ނިންމަމުން ގެންދިއުމަށް އެޅޭ ވަރުގަދަ ބިންގަލަކަށް ވާތީ އެވެ. މީގެ ނަތީޖާއަކަށް ވާނީ ދަރިވަރުންނަކީ މައުލޫމާތު މުއްސަނދި ބަޔަކަށް ވެގެން ދިއުމެވެ. ބުއްދީގެ ތޫނުފިލިކަން ބޮޑުބަޔަކަށް ވެގެން ދިއުމެވެ. އުނގެނުމުގެ ރޮނގުގައި ރަން ވަނަތަކެއް ހާސިލުކުރާ ކުދިބަޔަކަށް ވެގެން ދިއުމެވެ.
އެހެންކަމުން، އެ މިންގަނޑުތަކަށް ދަރިވަރުން އަހުލުވެރި ކުރުމާއި އެ ކުދީންގެ ގުޅުންތަކާއި އަމަލުތަކާއި މުއާމަލާތްތައް އެ ގިއުގަނޑުގެ ތެރޭގައި ގެންގުޅެން ދަސްކޮށްދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެއީ، އަނެކުން ބަލައިގަންނަ، އިތުބާރުކުރާ، ކަމޭހިތާ އަދި ލޯބިވާ ބަޔަކަށް ދަރިވަރުން ހެދުމަށްޓަކަ އެވެ. އެކަން ނުކުރެވިއްޖެ ނަމަ ތައުލީމެއް ހުއްޓަސް އެ ދަރިވަރުންނަކީ މީހުން ގާތު މަގުބޫލު ބަޔަކަށް ނުވެދިއުމަކީ ގާތް ކަމެކެވެ.
ކުއްޖަކު ސްކޫލަށް ވަނުމުގެ ކުރިން އެ ކުއްޖާގެ ބެލެނިވެރިޔާ ފޮތް ދަބަސް ރަނގަޅު ކޮށްދެނީ.-- ފައިލް ފޮޓޯ: ނިޝާން އަލީ| މިހާރު
އެހެން ވެއްޖެ ނަމަ ބެލެނިވެރިންނާއި މުދައްރިސުންނާއި މަދަރުސާތަކުގެ މަސައްކަތް ބޭކާރުވެގެން ދާނެ ކަމީ އެއްވެސް ޝައްކެއް އޮތް އޮތްކަމެއް ނޫނެވެ. އެކަން ވާނީ ބަރުދާސްތު ކުރަން ވަރަށް ބޮޑު ވޭނަކަށެވެ.
ހެޔޮތަރުބިއްޔަތާއި ރިވެތި އަހުލާގު ކުދިންގެ ގައިގައި އަށަގެންނެވުމުގައި މަދްރަސާތަކާއި ބެލެނިވެރިންގެ ރޯލަކީ ވަރަށް މުހިއްމު ރޯލެކެވެ. އިލްމާއި ހުނަރާއި މަކަތައް ކުދިންނަށް ފޯރުކޮށްދޭ ފަރާތަކީ މަދްރަސާތަކެވެ. ކިޔެވުމުމުގެ މާހައުލުގެ ގަވައިދުތަކާއި އުސޫލުތައް އެކުލަވައިލާ ހިންގާ ފަރާތަކީ މަދްރަސާތަކެވެ. އެ ކަންކަމަށް ކުދިން ބޯލަނބައިތޯ ބަލައި ދަސްކޮށްދިނުމަކީ މަދްރަސާތަކުގެ ޒިންމާ އެކެވެ. އަދި މަދްރަސާތަކުގެ ފަރާތުން މުދައްރިސުންގެ ޒިންމާއެކެވެ. ބޯލެނބުމުގައި މަންފާ އޮތީ ދަރިވަރުންނަށްކަން އެ ކުދިންނަށް ހަދާން ކޮށްދީ، އެކަން ވިސްނައިދީ، އެ ކުދިންގެ ކިބައިގައި އެ އާދަތައް އަށަގެންނެވުމުގައި މުދައްރިސުންގެ ދައުރު ބޮޑުކަން ފާހަގަކޮށްލެވެ އެވެ. ވަށައިޖެހޭ ތައުލީމެއްގެ މަންފާ ހަގީގަތުގައި ފެންނާނީ އޭރުންނެވެ.
މަދްރަސާ އިން ބޭރުގައި ދަރިވަރުން ހޭދަކުރާ ވަގުތުތަކަކީ ބެލެނިވެރިންގެ ބެލުމުގައި ދަރިވަރުން ހޭދަކުރާ ވަގުތު ތަކެކެވެ. އެއީ ނިސްބަތުން ގިނަ ވަގުތު ތަކެކެވެ. އެހެންކަމުން، ރަނގަޅު ތަރުބިއްޔަތާއި ރިވެތި އަހުލާގުގެ ވެރިބަޔަކަށް ދަރިވަރުން ހެދުމަށް މަދްރަސާތަކުން ކުރާ މަސައްކަތްތަކުގައި ބެލެނިވެރިންގެ ޒިންމާ ވަރަށް ބޮޑެވެ. މަދްރަސާތާކާއި މުދައްރިސުންނާއި ބެލެނިވެރީން އަތުގުޅާލައިގެން މި ކަމުގައި މަސައްކަތް ކުރަން ޖެހެނީ އެހެން ވެގެންނެވެ. އެއްބަޔަކު އަނެއްބަޔަކަށް މަދަދުވެރި ވާންޖެހެނީ އެހެން ވެގެންނެވެ.
އަޅުގަނޑު ދެކޭ ގޮތުގައި، އެ ރޮނގުން މަސައްކަތް ކުރެވިއްޖެ ނަމަ ގޮތްފޮތް ހުރި، ތައުލީމީ ދަރިންތަކެއް ބިނާކުރަމުން ގެންދިއުމަކީ ދާދި ފަސޭހަ ކަމެކެވެ. ބޭނުންވަނީ އެ ބައެއްގެ ދައުރު ދެނެގަނެ، އެ ދައުރު ފުރިހަމަ ގޮތުގައި އަދާކުރަމުން ގެންދިއުމެވެ. އެ ކަމުގައި އެއް އަމާޒަކަށް ގުޅިގެން މަސައްކަތް ކުރަމުން ގެންދިއުމެވެ. މިއީ ވަކި ބަޔަކު ކުރަންޖެހޭ ކަމެއް ކަމުގައި ނުދެކި އެންމެން ގުޅިގެން މަސައްކަތް ކުރުމެވެ.
އެޑިޓަރުގެ ނޯޓް: ސްކޫލް ގައިޑަށް މި ލިޔުން ލިޔުއްވި މުހަންމަދު ރަޝީދަކީ އަހުމަދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އެވެ. އޭނާ އަކީ، ތައުލީމީ ދާއިރާގައި ވަރަށް ގާބިލް، އަދި ތަޖުރިބާކާރު ބޭފުޅެކެވެ.